Last Updated: August 18, 09:23
Thursday, August 18, 2022
ޚަބަރު

މަރަދޫ ގޯތިތަކެއްގެ މަގު ފާރު ވަށްކުރަން އަންގައިފި

މަރަދޫ ބޮޑުމަގު.

އައްޑޫ މަރަދޫގެ ގެތަކުގެ ތެރެއިން ދެ މަގަށް ވާ ގޮތަށް ހުރި ގޯތިތަކުގެ ފާރު ކަންމައްޗާ ދިމާލުން ވަށްކުރަން ކައުންސިލުން އަންގައިފި އެވެ.

މަރަދޫ ކައުންސިލަރު އަހުމަދު ނާދިރު ސޮއިކުރައްވައި އެ އަވަށު އޮފީހުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އެގޮތަށް ހުރި ގޯތިތަކުގެ މަގު ފާރުގެ ކަންމަތި ވަށްކުރަން ދެ މަސް ދުވަހުގެ މުއްދަތެއް ދޭ ކަމަށެވެ. އަދި މިކަމަކީ މިހާރު އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނާތީ، މިހާރު ދެ މަގަށްވާ ގޮތަށް ހުރި ގޯތިތަކުގެ ކަންމަތީ ފާރުތައް ހުރި ގޮތުން ދިމާވާ ދަތިތަކަށްޓަކައި ގެންނަން ޖެހޭ ބަދަލެއް ކަމަށް ވެސް އަވަށު އޮފީހުން ބުންޏެވެ.

"…މަރަދޫގެ އަވަށުގެ ދެ މަގަށް ހުންނަ ގޯތިތަކުގެ މަގުގެ އިމާއި ގުޅިފައިވާ ކަން ގަވާއިދާ އެއްގޮތަށް ވައްކޮށް މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަންގައި އިއުލާންކުރަމެވެ." އިއުލާންގައިވެ އެވެ.

އޭގައި ބުނެފައިވާ ގޮތުގައި އެގޮތަށް މަގު ފާރު ބެހެއްޓުމަކީ ޕްލޭނިން މިނިސްޓްރީން އެކުލަވާލައި އަމަލުކުރަމުން އަންނަ ގަވާއިދެއްގެ ދަށުން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި އެ ގަވާއިދަށް އަމަލުކުރަން ފެށީ އޮކްޓޯބަރު 14، 2020 ގައި ކަމަށް ވެސް މަރަދޫ އަވަށު އޮފީހުން ބުންޏެވެ.

އައްޑޫގެ މަގުތައް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މަރަދޫ މަގުތައް ހަދަން ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. މަގު ހެދުމުގެ މަސައްކަތްކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.