ށ. ފޭދޫ އެއްގަމުތޮށި ލުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުލް ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.