Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ރައްޔިތުން އުފަލާ އެކީ ޔާމީން ހޮވާނެ: ޖަމީލު

އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާ އިރު، ރައްޔިތުނ އުފަލާ އެކީ އެ މަނިކުފާނު އިންތިހާބުކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޔާމީނަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޕްރައިމަރީއަކާ ވެސް ނުލައި ދޭން ނިންމުމާ ގުޅިގެން އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީނަކީ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ރައްޔިތުންނަށް ބޮޑު ތަފާތެއް ދެއްކުވި ބޭފުޅެއް ކަމަށެވެ.

"މިނިވަންކަން ވިއްކާނުލާނެކަން. ދީނުގައި ހިފަހައްޓަވާނެކަން. ވިޝަނަރީ ތަރައްވީ ސާބިތުކޮށްދެއްވައިފި. ރައީސް ޔާމީނަކީ ދެހާސް ތޭވީހުގައި ރައްޔިތުން އުފަލާއެކު އިންތިޚާބުކުރާނެ ހަަމައެކަނި ޗޮއިސްކަން ޔަޤީން. ހޫނު މަރުޙަބާއެއް!" ޖަމީލު ވިދާޅުވި އެވެ.

ޔާމީނާ ބެހޭ ގޮތުން ޖަމީލު މި މޭރުމުން ވާހަކަ ދެއްކެވި އިރު، ޔާމިންގެ ވެރިކަމުގައި ނައިބު ރައީސްކަމުން ދުރުކުރުމުން ގައުމުން "ފިއްލަވައި" އިނގިރޭސިވިލާތުގައި ހުންނެވި ދިގު މުއްދަތުގެ ތެރޭގައި ޔާމީންގެ މައްޗަށް ޖަމީލު ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ. ހާއްސަކޮށް ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތަކެވެ.

ނަމަވެސް ފަހުން ޖަމީލުގެ ރާގު ބަދަލުވެ، މިހާރު ހުންނެވީ ޔާމީނަށް ސަނާ ދެންނެވުމުގަ އެވެ. އަދި ޖަމީލަކީ މިހާރު ޔާމީންގެ މައްޗަށް ކުރެވޭ ދައުވާތަކާ ގުޅިގެން އެ މަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.