ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އިއްޔެ އޮންލައިންކޮށް ސޮއިކުރަން ފެށި ޕެޓިޝަންގެ ފުރަތަމަ ދެ ޓާގެޓް ހާސިލުވެ މިހާރު، 1،500 ސޮއި ހޯދަން އަމާޒު ހިފައިފި އެވެ.
"#އިމްޕީޗް ނަޝީދު" ގެ ނަމުގައި ޗޭންޖް.އޯގްގައި ކުރިއަށް ގެންދާ ޕެޓިޝަނުގައި މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެެ. އިއްޔެ މި ޕެޓިޝަން ފެށި އިރު، އަމާޒަކަށްވީ 100 ސޮއި ހޯދުމެވެ. އަދި އެ އަދަދު ހަމަވުމާ އެކު ފަހުން 500 ސޮއި ހޯދަން އަމާޒު ހިފައި، އެ އަދަދު ވެސް މާ ގިނަ އިރުތަކެއް ނުވަނީސް ހަމަވި އެވެ.
ޕެޓިޝަންގައި ބުނެފައި ވަނީ ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ބޭނުން ވަނީ އިސްލާމް ދީނަށް ގޮންޖައްސަވައި ދިވެހިންގެ އިޖުތިމާއީ ފޭރާން ހަލާކުކުރަމުންދާތީ ކަމަށެވެ.
#ImpeachNasheed – Sign the Petition! https://t.co/TLt9MipmMq via @Change
— Dr.Mohamed Iyaz (@dr_iyaz) July 30, 2022
ނަޝީދާއި އީވާ މަގާމުން ވަކިކޮށްދޭން އެދި އާންމުން އޮންލައިންކޮށް ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ އިރު، އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ވެސް މިހާރު ގެންދަވަނީ ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާ ގުޅޭ ގޮތުން މަސައްކަތްކުރަމުންނެވެ.
ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރުމާ ގުޅިގެން ކޯފާ އިސްކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް ވެސް އަޅުއްވާފައިވެ އެވެ. އެގޮތުން ރައީސް ޒިނޭކޮށްފައިވާ ކަމަށާއި ރާ ވެސް ހިއްޕަވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.