Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ރައީސް އިންޑިއާ އަށް ފުރާވައިޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސް ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހާ ހަމަޔަށެވެ. މި ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މިދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ފަހުގައި، ދެޤައުމުގެ އިސްވެރިން ގުޅިފައިވާ ނޫސްބަޔާނެއް ދެއްވަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއިވެސް ބައްދަލު ކުރައްވާނެ ކަމަށާއި، މިގޮތުން ނިއުދިއްލީ އާއި މުމްބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމަށްވސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިދަތުރުފުޅުގެ ތެރެއިން، މުމްބާއީއަށް ޒިޔާރަތް ކުރައްވައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި އެނބުރި ރާއްޖެވަޑައިގަންނަވާނީ، 2022 އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.