ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންނާއި މުޅި ގައުމުގެ ރައްޔިތުން ވެސް ބޭނުން ވަނީ ވެރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ އަހަރު އަލުން ދޭން ކަމަށްވާތީ ޕްރައިމަރީ އަށް ބޭއްވައި ޓިކެޓް ދިނުމުގެ ބޭނުމެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ކޯލިޝަނުގައި އޮތް ދެ ޕާޓީ ވެސް ޔާމީނު އިންތިހާބުގައި ވާދަކުރައްވަން އެދޭތީ ކޮންމެހެން ޓިކެޓް ދޭނެ މީހަކު ހޮވަން ހަރަދުކޮށްފައި ޕްރައިމަރީއެއް ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
"ޕީޕީއެމާއި ޕީއެންސީގެ ހުރިހާ ސަޕޯޓަރުންނާއި ގައުމު ދެކެ ލޯބިވާ އެންމެން ބޭނުން ވަނީ ވެރިކަމަށް ރައީސް ޔާމީން ގެންނަން،" އާދަމް ޝަރީފު ވިދާޅުވި އެވެ. "އެހެންވީމާ ހަރަދުކޮށްގެން ޕްރައިމަރީއެއް ބޭއްވުމުގެ ބޭނުމެއް ނެތް. ޕްރައިމަރީއެއް ބޭއްވިޔަސް ރައީސް ޔާމީނާ ވާދަކުރަން ބޭނުންވާ އެކަކު ވެސް ދެ ޕާޓީގެ ކޯލިޝަނަކު ނުހުންނާނެ."
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމިކަން އިއުލާންކުރީ ރެ އެވެ. އެއާ އެކު ދެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ މަރުހަބާ ވިދާޅުވެ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވަމުންނެވެ.
ނަމަވެސް ޕްރައިމަރީއަކާ ނުލައި ޔާމީނަށް ޓިކެޓް ދިނުމުން ޕީޕީއެމާއި ޕީއެންސީއާ ވާދަވެރި އެހެން ޕާޓީތަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.