ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ދޭން ނިންމާފައިވާ ކުރީގެ ރައީސް އަބްދު ޔާމީނަށް ޓިކެޓް ރަސްމީކޮށް ހަވާލުކުރަން މި މަހުގެ 19 ގައި ހާއްސަ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ޖަލްސާ އަކީ ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމުމާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށާއި ޓިކެޓް ރަސްމީކޮށް ހަވާލުކުރުމުގެ ޕާޓީގެ އަސާސީ ގަވައިދަށް ގެނެސްފައިވާ ބަދަލުތަކެއް ވެސް ހާމަކުރަން ބާއްވާ ވަރަށް ހާއްސަ ޖަލްސާއެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ ގިނަ އަދަދެއްގެ ބައިވެރިވާ ގޮތަށް ޖަލްސާ ކުލަގަދަކޮށް ބާއްވާނެ އެވެ.
އަންނަ އަހަރުގެ ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓްގެ ޓިކެޓް ޔާމިނަށް ދޭން އިއްޔެ ރޭ ޕީޕީއެމްގެ ސެނެޓުން ނިންމި އިރު، ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމުމުން ވާދަވެރި އެހެން ޕާޓީތަކުންނާއި ބައެއް އާންމުން ވެސް ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ނަމަވެސް ދެ ޕާޓީގެ އިސް މެމްބަރުން ގެންދަވަނީ އެކަން ދިފާއުކުރައްވަމުންނެވެ. އެގޮތުން ދިވެހިންނަށް މިހާރު ޔާމީން ނޫން ޗޮއިސްއެއް ނެތް ކަމަށާއި އަދި މުޅި ގައުމު ވެސް ބޭނުން ވަނީ ވެރިކަމަށް ޔާމީން ގެންނަން ކަމަށްވާތީ ހަރަދުކޮށްގެން ޕްރައިމަރީއެއް ބާއްވައިގެން ޓިކެޓް ދިނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.