Last Updated: August 18, 09:23
Thursday, August 18, 2022
ދުނިޔެ

މަންކީޕޮކްސްގައި އިންޑިއާ އިން މަރެއް

މަންކީޕޮކްސް އަށް ފަރުވާ ދެމުން ދިޔަ މީހަކު އިންޑިއާ އިން މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 225 އަހަރުގެ އެ މީހާ ހޮނިހިރު މަރުވީ މިދިޔަ މަހުގެ 27 ގައި ކެރެލާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. މަންކީޕޮކްސް ޖެހިގެން މަރުވި މީހާ އަކީ މިދިޔަ މަހުގެ ތެރޭގައި ދުބާއީ އިން މަގުން އެމެރިކާ އަށް ވެސް ދަތުރުކޮށް އެނބުރި އައި މީހެކެވެ.

ކެރެލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ އެ މީހާ އިންޑިއާ އަށް އެނބުރި އައުމުގެ ކުރިން މަންކީޕޮކްސް އަށް ޓެސްޓްކުރި ކަމަށާއި އޭރު ނަތީޖާ ނެގަޓިވް ކަމަށެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުން ނެގި ސާމްޕަލް ޓެސްޓްކުރި އިރު، އިއްޔެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ މި ކޭސްވެފައި ވަނީ މަންކީޕޮކްސްގައި އިންޑިއާ އިން މަރުވި ފުރަތަމަ މީހާ އަދި އޭޝިއާ ބައްރުން އެ ބަލީގައި މަރުވި ފުރަތަމަ މީހާއަށެވެ.

މި ކޭހާ ގުޅިގެން ޒުވާނާއާ ކޮންޓެކްޓްވި 20 މީހަކު ވަނީ "ނުރައްކާތެރިކަން ބޮޑު" ބައެއް ކަމަށް ކަނޑައަޅައި އެކަހެރިކޮށްފަ އެވެ. އަދި ކޭހާ ގުޅިގެން އެކަމާ ގުޅޭ އިތުރު ކަންކަން ބެލުމަށް ކެރަލާގައި މިހާރު ވަނީ މަތީ ފެންވަރުގެ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރު މަންކީޕޮކްސް ފެނިފައިވާ އިރު، މި ބައްޔަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ފެތުރުން ބޮޑު ބައްޔެއް ކަމަށް ދިރެތަކުންނާއި އަދި ޑަބްލިއުއެޗް އިން ވެސް ބުނެފައިވެ އެވެ.