Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ނާޒިމް ވެސް ރައީސް ކަމަށް ވާދަކުރައްވަނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު "މިހާރު" އަށް ވިދާޅުވީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ނުކުންނާނެ މީހަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައ ވާދަކޮށް ޓިކެޓް ހޯއްދަވަން މަސައްކަތްކުރައްވާނެ ކަމަށެވެ. އެމްއެންޕީ އަކީ ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ރައްޔިތުމްގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްކޮށް ތިއްބަވައިގެން މިދިޔަ އަހަރު އުފެއްދެވި ޕާޓީއެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވީ ގައުމު މި ވަގުތު އޮތް ހާލަތުން ސަލާމަތްކުރަން އެމްއެންޕީން މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫކުރެއްވޭތީ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެ މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގަ އެވެ.

ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓޭތަނެއް ނުފެންނަ ކަމަށާއި ދީނީ ވަހުދަތު ވަރުގަދަކޮށް، އިގްތިސާދު ހަމަ މަގަށް އަޅުވައި ގައުމު އަލުން ބިނާކުރަން ޖެހޭ ކަމަށާއި އެމްއެންޕީގެކެންޑިޑޭޓަކު ނުކުންނާނީ ރައްޔިތުންނަށް މިކަންކަން ފުރިހަމަކޮށް ދޭމް ކަމަށް ވިދާޅުވި އެވެ.

ނާޒިމް ރިޔާސީ އިންތިހާބަށް ނުކުންނަން ނިންމެވި ނަމަވެސް އެމްއެންޕީން އަދި ޕްރައިމަރީ ބާއްވާނެ ދުވަހެއް ނުނިންމަ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވާފައި ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިމެނެ އެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމައިފަ އެވެ.

މީގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވެސް ގެންދަވަނީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެކަމުގެ އިޝާރާތެއް ދީފައިވެ އެވެ.