Last Updated: August 18, 09:01
Thursday, August 18, 2022
ދުނިޔެ

ޗައިނާގެ އިންޒާރަށް ބެލުމެއް ނެތި ޕެލޯސީ ޓައިވާނަށް

ޗައިނާގެ އިންޒާރެއް ބެލުމެއް ނެތި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް މިރޭ ވަޑައިގެންފި އެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގެންފައިވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޕެލޯސީ އަކީ ފާއިތުވި 25 އަހަރުތެރޭ ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ.

ޕެލޯސީގެ މި ދަތުރުފުޅުގައި ޓައިވާންގެ ރައީސް އާއި ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނެ އެވެ.

ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަން ޗައިނާ އިން ދެކޮޅު ހަދަމުންދާއިރު ޗައިނާ އިން އަބަދުވެސް ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގަ އެވެ. ޗައިނާ އިން ވަނީ ޕެލޯސީގެ މި ދަތުރުފުޅަކީ އެމެރިކާ އާއި ޗައިނާގެ ގުޅުމަށް އަސަރުކުރާނެ ދަތުރުފުޅެއް ކަމަށް ބުނެފަ އެވެ.

ޕެލޯސީގެ މި ދަތުރުފުޅާއި ޗައިނާ އިން ވަރަށް ބޮޑަށް ދެކޮޅު ހަދަމުން އަންނައިރު، އެގައުމުގެ ރައީސް ޝީ ޖިންޕިންގް މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ވަނީ "އަލިފާނާއި ކުޅޭ ފަރާތްތައް އަނދައިގެންދާނެ" ކަމުގެ އިންޒާރު ދެއްވާފަ އެވެ.

މީގެއިތުރުން ޗައިނާގެ ފޮރިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ވަނީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ ސީރިއަސް ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ ޗައިނާގެ އަސްކަރިއްޔާ ކުޅި ބަލަން ނޯންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި ދަތުރުފުޅާއި ގުޅިގެން އެމެރިކާ ސަރުކާރުން ވަނީ ޓައިވާނަށް ވަޑައިގަތުމަކީ ޕެލޯސީގެ އަމިއްލަ ނިންމެވުމެއް ކަމަށް ބުނެފަ އެވެ. ޕެލޯސީގެ މި ދަތުރުފުޅާއި މެދު ރައީސް ބައިޑެންގެ ކަންބޮޑުވުންތައް ހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.