Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ފަހަތުން އަރައި ޒެފިޔާ މޮޅުވެއްޖެ

އައްޑޫ ފޭދޫގެ ފާހި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ފޭދޫ ސޮކާ ކަޕް"ގައި ކުޅުނު ދެވަނަ މެޗުން ވެސް އެފްސީ ޒެފިޔާ މޮޅުވެއްޖެ އެވެ.

މުބާރާތުގައި ކުޅުނު ދެވަނަ މެޗުން ޒެފިޔާ މޮޅުވީ މިއަދު ހަވީރު އެފްސީ އަފިރިންގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އެފްސީ އަފިރިން ޓީމުންނެވެ. މި ގޯލު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހުސެއިން ޝިފާޒެވެ. ނަމަވެސް ފަހަތުން އަރައި ތިން ގޯލު ކާމިޔާބުކޮށް ޒެފިޔާ އިން ވަނީ ނަތީޖާ އަނބުރާލާފަ އެވެ. ޒެފިޔާގެ ތިން ގޯލު ކާމިޔާބުކޮށްދިނީ ޝަމްވީލް ގާސިމް އާއި އަހުމަދު ހަސަންގެ އިތުރުން މުހައްމަދު އިންޝާލް އެވެ. އެފްސީ އަފިރިން ޓީމުގެ ދެވަނަ ގޯލު މެޗުގެ ފަހު ވަގުތު ކާމިޔާބުކޮށްދިނީ އިސްމާއިލް އަޒީމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފިޔާގެ ތަޖުރިބާކާރު މިޑްފީލްޑަރު ބޮންޑާ އެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ ހަތަރު ޓީމަކުންނެވެ. އެގޮތުން މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކަމަށްވާއިރު ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އެފްސީ އަފިރިން، މައިލޯ އެފްސީ، އެފްސީ ޒެފިއާ އަދި ފްރެންޑްސް ކްލަބެވެ.

މި މުބާރާތަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެނުވައި، ފުޓްބޯޅައިގެ ރޫހު އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޭދޫ އަވަށު އޮފީސް ކޮންޓްރޯލް ޕީ އާއި ދިރާގު އަދި ހެޕީ މާކެޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.