ހުޅުމާލޭން މާލޭ ރައްޔިތުންނަށް ހިލޭ ބިން ދިނުމަކީ މި ސަރުކާރުން ފާޅުގައި ހިންގާ އެންމެ ބޮޑު ޖަރީމާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުން މާލެ ރައްޔިތުންނަށް ހިލޭ ބިން ދޭން ނިންމައި އެކަމަށް ޖޫން މަހުގެ ތެރޭގައު ފުރުސަތު ހުޅުވާލި ފަހުން އެ މައްސަލާގައި ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ މެމްބަރު ވިދާޅުވީ މި ކަމަކީ ދުނިޔޭގެ އެހެން ގައުމަކުން ކުރާ ކަމެއް ނަމަ ރައްޔިތުން އެކަމާ ދެކޮޅަށް މަގުތަކަށް ވެސް ނުކުންނާނެ ކަމަށެވެ.
"މިއީ ދުނިޔޭގެ އެހެން ގައުމެއްގައި ކުރާ ކަމެއް ނަމަ އެ ގައުމެއްގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދަ އަށް މުޒާހަރާ ވެސް ކުރީސް." ޖޭޕީގެ މެމްބަރު އަލީ ވިދާޅުވި އެވެ.
ހުޅުމާލޭގެ ބިން ވަކިބަޔަކަށް ހިލޭދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ. މިއީ ދުނިޔޭގެ އެހެންގައުމެއްގައި ކުރާކަމެއްނަމަ އެ ގައުމެއްގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދަޔަށް މުޒާހަރާ ކުރީސް.
— Ali Hussain (@AleeVoice) August 2, 2022
އޭނަ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ސަރުކާރަކުން ވެސް ކުރީ އެއް ކަމެއް ކަމަށާއި އެއީ މާލެ އިތުރަށް ތޮއްޖައްސައި، މާލޭގެ ބިމުގެ އަގު ރަނަށް ވުރެ ބޮޑުކުރުން ކަމަށެވެ.
މާލެ ސަރަހައްދުން މާލޭ މީހުންނަށް ހިލޭ ބިން ދޭން ނިންމި މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، މިއީ އިންސާފުން ކުރާ ކަމެއްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް އޮތީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.