ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އުމުރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު 16 އޮގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން މީހުން އުމުރާއަށް ގެންދިއުމާ ބެހޭގޮތުން 9 ފެބްރުއަރީ 2022 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމުރާއަށް މީހުން ގެންދައުމާބެހޭ އުސޫލު"ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައިކަމަށެވެެ.
ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 9 އޮގަސްޓް 2022 ވަނަ ދުވަހުން ފެށިގެން 16 އޮގަސްޓް 2022 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 13:30 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.