Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އެންމެ ބޮޑެތި ވައްކަންތައް ހިންގީ ޔާމީން ވެރިކަމުގައި: ދުންޔާ

ދުންޔާ މައުމޫން--

ރާއްޖޭގައި ހިންގި އެންމެ ބޮޑެތި ވައްކަންތައް ހިންގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް އެ ސަރުކާރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އަންހެނުންގެ ގޮފީގެ ރައީސް ކަން ކުރައްވާ ދުންޔާ މިފަދައިން ވިދާޅުވެފައިވަނީ، އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ޓްވިޓާގައި ހިއްސާކުރެއްވި ވީޑިއޯއެއްގައެވެ.

އެގޮތުން ވީޑިއޯގައި ދުންޔާ ވަނީ ޔާމީނަކީ މިގައުމު ދުށް އެންމެ ބޮޑު ގައްދާރުކަމަށް ނާޒިމް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފައެވެ. އަދި ވިދާޅުވީ އެންމެ ބޮޑެތި ވައްކަންތައް ހިނގާފައިވަނި ޔާމީންވެ ވެރިކަމުގައި ކަމަށެވެ.

ދުންޔާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅުގެ ހުރިހާ ލީޑަރުން ހިފާ ހައްޔަރުކުރި ކަމަށާއި، އޭރު މުޅި ގައުމުގައި ވެސް އޮތީ ބިރުވެރިކަން ކަމަށެވެ. އަދި އެފަދަ ވެރިކަމެއް ތަކުރާރު ނުވާނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ދުންޔާ މިފަދައިން ވިދާޅުވިއިރު މިފަހުން ޔާމީން ވަނީ ރާއްޖޭގެ އެންމެ ބޮޑު ގައްދާރުންނަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އެމްއެންޕީގެ ލީޑަރު ނާޒިމް ކަމަށް ވިދާޅުވެފައެވެ. ޔާމީންގެ މިވާހަކައަށް ނާޒިމް ރައްދުދީ ބުނެފައިވަނީ މިގައުމުގެ އެންމެ ބޮޑު ގައްދާރަކީ ޔާމީން ކަމަށެވެ.