އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑީއާރްޕީން ވާދަކުރަން ނިންމާފައިވާތީ އެ ޕާޓީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދޭން ނިންމައިފި އެވެ.
އެގޮތަށް ނިންމީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި، މެމްބަރުންގެ އިއްތިފާގުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޑީއާރްޕީގެ ޓިކެޓް ޖާބިރަށް ދޭން ނިންމި އިރު ތަކުރާރުކޮށް މި ފަހަކަށް އައިސް ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަމަށް ވެސް ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް ޖާބިރު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި މަލާމާތް ވެސް އޭނާ އަށް އަމާޒުވެފައިވެ އެވެ. ސަބަބަކީ ޖާބިރުގެ އަމަލުތަކާއި ބަސްމަގު މިހާރު ހުންނަ ގޮތުން އޭނާ "ހަމަޖެހޭތޯ" ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިއުމެވެ.
ޖާބިރަށް ޑިއާރްޕީގެ ރިޔާސީ ޓިކެޓް ދޭން ނިންމި އިރު، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމެވިކަން މި އަހަރުގެ ކުރީކޮޅު އިއުލާންކުރެއްވުމާ ގުޅިގެން ޑިއާރްޕީން ވަނީ ރައީސަށް ތާއިދުކުރަން ނިންމާފައިވާ ކަމަށް ޖޫން މަހު އިއުލާން ވެސްކޮށްފަ އެވެ. އެކަން ހާމަކުރެއްވީ ވެސް ޓީވީ ޕްރޮގްރާމެއްގައި ޖާބިރެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން މިހާރު ނިންމާފައިވާ ކެންޑިޑޭޓުންނަކީ ރައީސް ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި ޖާބިރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
މީގެ އިތުރުން ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައިވެ އެވެ.