މާލޭގައި މަގުމައްޗަށް ބޮޑު ގަހެއް ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ދެ ގެއެއްގެ ފުރާޅަށް ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ހ.ސަހަރާގެ ހުޅަނގު ފަރާތުގައި ހުރި ގަހެއް މަގުމައްޗަށް ވެއްޓިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
އެގޮތުން ރޭ މެންދަމު 01:58 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމެއް އެ ސަރަހައްދަށް ގޮސް ރޭ މެންދަމު 02:12 ހާއިރުން ފެށިގެން ހަރަކާތްތެރިވަމުން ގޮސްފައިވާކަމަށެވެ. މިގޮތުން، ސިފައިންގެ ޓީމުން ކުރި މަސައްކަތުން ގަހުގެ ބައިތައް ކީހައި، އެ ސަރަހައްދުން ގަސް ނަގައި ސާފުކުރެވިފައިވަނީ މިއަދު ހެނދުނު 07:53 ހާއިރު ކަމަށް އެމްއެންޑިއެފްއިން މައުލޫމާތުދެއެވެ.
ގަސް ބުޑުން ލުހިގެން މަގުމައްޗަށް ވެއްޓުމުގެ ސަބަބުން، މި ހާދިސާގައި އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެ ގެއެއްގެ ފުރާޅަށާއި މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.