Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ވައި ގަދަވާނެތީ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ފޮޓޯ: އައްޑޫލައިވް

މޫސުން ގޯސްވެ ވައިގަދަވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ހިސާބަށެވެ. އެ ހިސާބަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރުފަހު 15:30 އިން ފެށިގެން ރޭގަނޑު 19:30 އާ ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 36 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށްވެސް ބުނެފައެވެ.