ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިހާރު އަހަރުގެ މެދުތެރެއަށްވާ ގޮތަށް ހަމަޖެއްސުމުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް އެކަމަށް ބަދަލެއް ގެންނަން ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަންނަ އާދީއްތަ ދުވަހު މި އަހަރުގެ ދިރާސީ އަހަރު ފެށޭތީ އެކަމާ ގުޅޭ ތައްޔާރީތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ބޮޑު ޗުއްޓީ ކުރިން އޮންނަ ގޮތަށް އަހަރުގެ ފަހުކޮޅަށް ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަނެއްކާ އަލުން އެފަދަ ބަދަލެއް ގެނައުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. މިނިސްޓަރު ވިދާޅުވީ ސްކޫލް ޗުއްޓީ އެހެން ދުވަސްވަރަކަށް ބަދަލުކުރާ ނަމަ، ދިރާސީ އާ އަހަރު ކުރުކޮށް، ނުވަތަ ދިގުކުރަން ޖެހޭނެ ކަމަށެވެ. އަދި އަލުން އެފަދަ ބަދަލެއް ގެނެސްގެން ވެސް ދަރިވަރުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ މިހާރު އަޅުގަނޑުމެން އަނެއްކާ ބަދަލުކޮށްފިއްޔާ ޖެހޭނީ އެކެޑެމިކް އިޔާ ޝޯޓްކޮށްލަން، ނޫނީ އަނެއްކާ ދިގުކުރަން،" އައިޝަތު ވިދާޅުވި އެވެ. "ޝޯޓްކޮށްލައިފިއްޔާ ހަ މަސް އެ ކުދިންގެ ކިޔެވުމުން ގެއްލޭ."
ކޮވިޑަށް ފަހު ތައުލީމީ އަށް ދާއިރާ އަށް ގެންނަން ޖެހުނު ބަދަލުތަކުގެ ތެރެއިން އާންމުންގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ އަހަރުގެ މެދުތެރެއާ ބޮޑު ޗުއްޓީ ދިމާވުމެވެ. ސަބަބަކީ ޗުއްޓީ ދިމާވާ ޖޫން/ޖުލައި އަކީ ރާއްޖެ އަށް ވިއްސާރަކުރާ ދުވަސްވަރަކަށްވުމާ އެކު ދަރިވަރުންނާއި އާއިލާތަކަށް ތަންތަނަށް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކެއް ދިމާވަމުން ދިއުމެވެ.
އެހެންވެ ކުރިއެކޭ އެއްގޮތަށް އަހަރުގެ ފަހުކޮޅަށް ބޮޑު ޗުއްޓީ ބަދަލުކުރުމަކީ ވަރަށް ގިނަ ބަޔަކު އެދޭ ކަމެކެވެ.