Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ލީގުގެ ފުރަތަމަ މެޗުން ބަޔާނަށް ބޮޑު މޮޅެއް

އެއިންޓްރަކްޓް ފްރެންކްފާޓްގެ މައްޗަށް 6-1 އިން ކުރި ހޯދައި ޖަރުމަނު ލީގުގެ ފުރަތަމަ މެޗުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.

ފްރެންކްފާޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސްވަނަ މިނެޓްގައި ބަޔާންގެ ޔޯޝުއާ ކިމިޗް ވަނީ ބަޔާނަށް ލީޑު ނަގާދީފަަ އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ބެންޖަމިން ޕަވާޑް ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 29 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ ބަޔާންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނުން އިތުރު ދެ ގޯލު ކާމިޔާބުކޮށްފައިވެ އެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާ އާއި ސާޖް ގްނެބްރީ އެވެ. ބަޔާންގެ ފަހު ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުސިއާލާ އެވެ. މި މެޗުގައި ފްރެންކްފާޓުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ކޯލޯ މުއާނީ އެވެ.

ފްރެންކްފާޓަކީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުން ކަމަށްވާއިރު، ބަޔާނަކީ ފާއިތުވި 10 އަހަރު ވެސް ޖަރުމަނު ލީގު ކާމިޔާބުކުރި ޓީމެވެ.

ލީގުގެ ދެވަނަ މެޗުގައި ބަޔާން ނިކުންނާނީ ވުލްފްސްބާގްއާ ދެކޮޅަށެވެ.