Last Updated: August 18, 09:23
Thursday, August 18, 2022
ޚަބަރު

ނިޝާނާއި ޓެރަރިޒަމް ނުގުޅުވޭނެ: ޒައިދު

ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާންއާ ޓެރަރިޒަމާ ގުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އޭނާ ވަނީ ފްރޭމްކޮށްފައި ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖޫން މަހުގެ 21 ގައި މާލޭގައި ޔޯގާ ޑޭ ފާހަގަކުރަން ބޭއްވި އިވެންޓްގެ ތެރެއަށް ބަޔަކު ވަދެގަނެ، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ނިޝާން ހައްޔަރުކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ. އޭގެ ފަހުން އޭނަގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސްފައިވާ އިރު، ހައި ކޯޓުން ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަންދަށް ތާއީދުކޮށްފަ އެވެ.

ނިޝާން ބޭއިންސާފުން ހައްޔަރުކޮށް ހައްގު ނޫން އަނިޔާ ދެމުންދާ ކަމަށް ބުނެ ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރިންނާއި ދީނީ ޖަމާއަތްތަކުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ސަލަފަ ޖަމިއްޔާ އަށް ނިސްވަތްވާ ޝެއިހް ނިޝާންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޓެލް ރިޕޯޓަކީ ފްރޭމް ރިޕޯޓަކަށްވެގެން ނުވާނެ" ކަމަށެވެ.

"ޝެއިހް ނިޝާން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން. ނިޝާންއާ ޓެރަރިޒަމާ ގުޅުވޭނެ ގޮތެއް ނެތް." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޯގާ އިވެންޓްގައި ތަޅާފޮޅި މީހުންގެ ޒިންމާ ނިޝާން ނަގަން ޖެހޭ ކަމަށް ބުނުމަކީ ތާކުންތާކު ވެސް ނުޖެހޭ، ހެއްވާ ވާހަކައެކެވެ.

ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ޝައިހް ނިޝާނާ އެކީ ޝެއިގް ފަޒްލޫން އާދަމް ވެސް ހައްޔަރުކުރި އެވެ. އެކަމަކު ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ވަނީ މިދިޔަ މަހުގެ 21 ގައި ދޫކޮށްލައިފަ އެވެ.

ޔޯގާ އިވެންޓް ހަމަނުޖެހުމާ ގުޅިގެން 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.