Last Updated: July 18, 11:12
Saturday, July 18, 2026
ކުޅިވަރު

މެސީގެ ދެ ގޯލުން ޕީއެސްޖީ މޮޅުވެއްޖެ

ލިއޮނަލް މެސީގެ ދެ ގޯލާ އެކު ޕީއެސްޖީން ފްރެންޗް ލީގުގެ ފުރަތަމަ މެޗުގައި ރޭ ރަށުން ބޭރުގައި ކްލާމޮންޓް އަތުން 5-0 އިން މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގެ ނުވަ ވަނަ މިނެޓްގައި މެސީ ދިން ޕާހަކުން ޕީއެސްޖީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ނޭމާ އެވެ. އަދި މެޗުގެ 26 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ގޯލު ފުރަތަމަ ހާފް ނިމުމުގެ ކުރިން ކާމިޔާބުކޮށްދިނީ މާކިއުނޯސް އެވެ.

ތިން ގޯލުގެ ލީޑަކާއެކު ޕީއެސްޖީން ފުރަތަމަ ހާފް ނިންމާލިއިރު މެޗުގެ 80 ވަނަ މިނެޓްގައި ނޭމާ ދިން ޕާހަކުން އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ މެސީ އެވެ. އަދި އޭގެ ހަ މިނެޓްފަހުން ޕީއެސްޖީގެ ފަސްވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ މެސީ އެވެ. މެސީ މި ގޯލު ކާމިޔާބުކުރީ އިދިކޮޅު ޓީމުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބައިސްކަލް ކިކަކުންނެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޕީއެސްޖީގެ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެ އެވެ.

މި މެޗަކީ ޕީއެސްޖީގެ އާ ކޯޗު ކްރިސްޓޮފް ގަލްޓިއޭގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ގަލްޓިއޭގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ޕީއެސްޖީން ވަނީ ނޭންޓްސް 4-0 އިން ބަލިކޮށް ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

ޕީއެސްޖީން ލީގުގައި ދެން ނިކުންނާނީ މޮންޕެލިއޭއާ ދެކޮޅަށެވެ.