Last Updated: July 23, 18:20
Thursday, July 23, 2026
ދުނިޔެ

އިޒްރޭލުގެ ހަމަލާއެއްގައި ގައްޒާ އިން 24 މަރު

އިޒްރޭލުން ފަލަސްތީނުގެ ގައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 24 މީހަކު މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު އަނެއްކާވެސް ހޫނުވެފައިމިވަނީ އިޒްރޭލުން ޕަލަސްތީނިއަން އިސްލާމިކް ޖިހާދް (ޕީއައިޖޭ) ގެ އިސްވެރިޔެއް ކަމުގައިވާ ބާސިމް ސާދީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރުމާ ގުޅިގެންނެވެ. ސާދީގެ ހައްޔަރާއި ގުޅިގެން ޕީއައިޖޭ އިން އިޒްރޭލަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދެމުންދާއިރު ރައްދުގައި އިޒްރޭލުން އަންނަނީ ގައްޒާ އަށް ވައިގެ ހަމަލާތައް ދެމުންނެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދެމުން އަންނަ ހަމަލަތާކުގައި މިހާތަނަށް 24 މީހަކު މަރުވެފައިވާއިރު އޭގެތެރޭގައި ހަ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށެވެ. އަދި މި ހަމަލާތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ފަރާތުން ހަމަލާތައް ބަދަލުކުރަމުންދާއިރު، އިޒްރޭލުން ދިން ހަމަލާއެއްގައި ޕީއައިޖޭގެ ކޮމާންޑަރަކު ވެސް ވަނީ މަރުވެފަ އެވެ.

އިޒްރޭލުން ބުނީ ޕީއައިޖޭއާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފެށީ އެ ޖަމާއަތުގެ ނުރައްކާ އެގައުމަށް އޮތް ކަމަށް ބެލެވޭތީ އެވެ. އަދި ހަމަލާތައް އަމާޒުކުރަނީ ގައްޒާގައި ހުންނަ ޕީއައިޖޭގެ ޓާގެޓުތަކަށް ކަމަށާއި މި އޮޕަރޭޝަން ހަފްތާއެއްހާ މުއްދަތަށް ދިގުދެމިގެން ހިނގައިދާނެ ކަމަށްވެސް އިޒްރޭލުން ބުނެ އެވެ.

އިރާނުގެ އެއްބާރުލުމާ އެކު ހިންގާ ޕީއައިޖޭ އަކީ ގައްޒާގައި ހަރަކާތްތެރިވާ އެންމެ ވަރުގަދަ އެއް ހަތިޔާރު އެޅި ގްރޫޕެވެ.