Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ކަސްޓަމްސް އޮފިސަރުންތަކެއް ވެސް ސަސްޕެންޑް!

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއްގައި ކަސްޓަމްސްގެ އޮފިސަރުންތަކެއް ވެސް ސަސްޕެންޑްކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ ސަސްޕެންޑްކުރީ ދެ މީހަކު ކަމަށާއި އެ ދެ މީހުން ސަސްޕެންޑްކުރީ ފުލުހުން މިހާރު ބަލަމުން އަންނަ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގެ ތަހުގީގަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އިތުރު ތަފުސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި އެތަނުގެ ދެ އޮފިސަރަކު ސަސްޕެންޑްކުރި އިރު، އެފަދަ ތުހުމަތުތަކެއް ކުރެވޭ އިތުރު ބަޔަކު އަދިވެސް ކަސްޓަމްސްގައި އެބަތިއްބެވެ. އަދި އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާތީ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކަސްޓަމްސް އިން ވެސް ސަސްޕެންޑްކޮށްފައި ވަނީ ކަށަވަރުވެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ ގުޅުން ހިންގި މައްސަލަތަކެއްގަ އެވެ.

އަލަމްގީރާ އާއި އޭނާއާ އެކީ ގުޅުން ހިންގި ބަޔަކު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އޭނާއާ އެކީ ގުޅުން ހިންގި ދިވެހިންގެ އަދަދު 250 އަށް އަރާ ކަމަށް އަޑު ފެތުރިފައިވެ އެވެ. މީގެ ތެރޭގައި އަލަމްގީރާ އެކީ ގްރޫޕް ހަދައިގެން ގުޅުން ހިންގި މީހުން ވެސް ހިމެނެ އެވެ. އެފަދަ ދެ މީހަކު މިދިޔަ ހުކުރު ދުވަހު ވެސް ސަސްޕެންޑްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސްކޫލެއްގެ ޓީޗަރަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފެކެވެ.

އެނގިފައިވާ ގޮތުގައި އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ ތެރޭގައި އެކިއެކު މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިބި ގިނަ ބަޔަކު ހިމެނެ އެވެ.