Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު

ޕާކިން ޒޯންތަކެއް ހަދަން އާންމުން ބިން ދޭން އެދިއްޖެ

ފޭދޫ މަގެއްގައި ގާ އަތުރަނީ.

އައްޑޫ ފޭދޫ މަގުތަކުގައި ޕާކްކުރުމުގެ ތާށިކަން ބޮޑުކަމުން ޕާކިން ޒޯންތަކެއް ހަދަން ކައުންސިލަށް އަމިއްލަ މީހުން ބިން ދޭން އެދިއްޖެ އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ޕާކިން ޒޯންތައް ހަދަން ކައުންސިލަށް ބިން ނުވަތަ ބިމުން ބައެއް ދޭން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިއީ ބިން ދޭން ޝައުގުވެރިވާ މީހުންނާ މަޝްވަރާކޮށް އެފަދަ މީީހުންނާއި ފޭދޫ އަވަށު އޮފީހާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ތެރެއިން ހަމަޖައްސަން ބޭނުންވާ ކަމެއް ކަމަށް ބުންޏެވެ.

އެގޮތުން ޕާކިން ޒޯން ހަދަން ބިން ދޭން އެއްބަސްވާ މީހުންނަށް ފޭދޫ ހިއްކި ބިމުން އެކަށީގެންވާ ބިމެއް ވެސް ހަމަޖައްސައިދޭނެ ކައުންސިލުން ބުންޏެވެ.

އެހެންވެ މި އުސޫލުގެ ދަށުން ކައުންސިލަށް ބިން ދޭން ޝައުގުވެރިވާ މީހުން އަަވަށު އޮފީހުގައި ނަން ނޯޓްކުރުމުގެ ފުރުސަތު މި މަހުގެ 31 ގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ނަން ނޯޓްކުރަން މެސެޖްކުރަން ޖެހެނީ 7789044 އަށެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު 6892018 އިން ހޯދޭނެ އެވެ.

ފޭދު އަކީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން މި ވަގުތު މަސައްކަތް އެންމެ ބާރަށް ކުރިއަށްދާ އަވަށެވެ. ނަމަވެސް މި އަވަށަކީ ބިމުގެ ދަތިކަން ބޮޑު އަވަށެވެ. ފޭދޫން 50 ހެކްޓަރުގެ ބިން ހިއްކީ ވެސް އެ މައްސަލަ ބޮޑުވެގެންނެވެ. އެކަމަކު ހިއްކި ބިމުން މިހާތަނަށް އާންމުންނަށް ބިން ދޫކޮށްފައެއް ނުވެ އެވެ.