Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ފަލަސްތީންގެ 32 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީންގެ ޓެރަރިސްޓުންނާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން މިފަހުން ދޭންފަށާފައިވާ ހަމަލާތަކުގައި މިހާތަނަށް 32 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީންގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އިޒްރޭލުން ފަލަސްތީނަށް ރޮކެޓް ހަމަލާތައް އަނެއްކާވެސް ދޭން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ފަލަސްތީންގެ ޓެރަރިސްޓުންނާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން ހަމަލާތައް ދޭން ފެށިއިރު، 20 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ހުކުރު ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ހަ ކުޑަކުދިންވެސް ޝަހީދުކޮށްލާފައިވެއެވެ. ޖުމުލަ 32 މީހުން މިހާތަނަށް މި ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީންގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އިޒްރޭލްގެ ހަމަލާތަކުގައި މިހާތަނަށް 215 މީހުން ޒަހަމް ކޮށްލާފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީންގެ ކުޑަކުދިން މަރުވެފައިވާ ވާހަކަ އިޒްރޭލުން ދޮގުކުރެއެވެ. އިޒްރޭލުން ބުނެފައިވަނީ ފަލަސްތީންގެ ކުޑަ ކުދިން މަރުވެފައިވަނީ ފަލަސްތީންގެ ޓެރަރިސްޓުން އިޒްރޭލަށް ފޮނުވާ ރޮކެޓްތައް ފަލަސްތީނަށް ވެއްޓިގެން ކަމަށެވެ.

މިފަހުން އިޒްރޭލުން ވަނީ ފަލަސްތީންގެ ނޫސްވެރިއަކަށް ބަޑިން ހަމަލާދީ މަރާވެސް ލާފައެވެ. އެކަން ދޮގުކޮށް އިޒްރޭލުނެ ބުނެފައިވަނީ ނޫސްވެރިޔާ މަރުވެފައިވަނީ ފަލަސްތީންގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ކަމަށެވެ. އެހެންނަމަވެސް އ.ދ.ގެ ކަމާބެހޭ ޕެނަލަކުން މައްސަލަ ބެލުމަށްފަހު ބުނެފައިވަނީ ނޫސްވެރިޔާ މަރުވެފައިވަނީ އިޒްރޭލުން ދިން ހަމަލާއެއްގައި ކަމަށެވެ.

ފަލަސްތީންގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިފަދަ ހަމަލާތައް ދެއެވެ.