Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ސްކޭމްތައް އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އީމެއިލް އައިޑީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތައް މިހާރުވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފޯނުން ގުޅައިގެން އީމެއިލް އައިޑީ ހޯދައިގެން ބޭންކުގެ ޚިދުމަތަށް ވަދެ، ފައިސާ ހޯދާފައިވާ މައްސަލަތައް ގިނަކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ ފާއިތުވި ހަފްތާ ތެރޭގައި މިފަދަ 41 މައްސަލައެއް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅިފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ މަކަރާއި ހީލަތުގެ މައްސަލަތަކަކީ އެކަން ކުރާ ފަރާތްތަކުން ތައްޔާރުވެ، ވަރަށް ރޭވުންތެރިކަމާއެކު ކުރަމުންދާ ކުށަކަށްވާއިރު، މިފަދަ ކުށްތައް ކުރާ ގޮތްތައް އެކި ދުވަސްވަރަށް އެކި ބަދަލުތައް ގެނެސްގެން އެމަޅީގައި ގިނަ ބަޔަކު ޖައްސައި، އެތައް ފައިސާއެއް މަކަރާއި ހީލަތުން ހޯދާފައި އެބަހުރި ކަމަށެވެ.

އެގޮތުން މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ފްލެޓް ލިބުނު ކަމަށްބުނެ އެޗްޑީސީގެ ނަމުގައި ގުޅާ އީމެއިލް ހޯދައިގެން އީމެއިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިން އިން އެކައުންޓްގައި ހުންނަ ފައިސާ އެހެން އެކައުންޓްތަކަށް ފޮނުވާ މައްސަލަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދާ މިފަދަ މައްސަލަތަކަކީ ތަހުގީގުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ މައްސަލަތަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުން ވެފައި އޮންނަނީވެސް އުނދަގޫ މަސައްކަތަކަށެވެ. މިފަދަ މައްސަލަތަކަކީ އަޅުގަނޑުމެން އެންމެވެސް މިހާރަށްވުރެ ހޭލުންތެރިވެ، ސަމާލުކަން ދީފިނަމަ މަދުކުރެވޭނެ ބާވަތުގެ މައްސަލައެކެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެކި ފަރާތްތަކުން އެކި ނަން ނަމުގައި ގުޅައިގެން އެމީހެއް ޒާތީ މަޢުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މަޢޫލޫމާތާއި އެނޫންވެސް މުހިންމު މަޢުލޫމާތު ހޯދަން ގުޅިކަމުގައިވީނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަކީ އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ. އަދި ބޭންކާއި، އެޗްޑީސީ އާއި އެނޫންވެސް ތަނަކުން އެމީހެއް ޒާތީ މަޢުލޫމާތު ނުވަތަ އައިޑީ ކާޑު ނަންބަރާއި އޯޓީޕީ ފަދަ މަޢުލޫމާތު ހޯދުމަށް ނުގުޅާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމައެއާއެކު ބޭނުންކުރާ އީމެއިލް އަކީ ބޭންކިންގ ފަދަ ޚިދުމަތްތަކުގައާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ އީމެއިލް އެއްނަމަ ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.