Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ދެން އޮތީ ލަންކާ ހަމައަކަށް އެޅުވުން: އދ

ސްރީ ލަންކާގެ އާ ރައީސް ރަނިލް ވިކަރަމަސިންހައާ އެކު މިހާރު އޮތީ ވަރަށް ފަރުވާތެރިކަމާ އެކީ އެ ގައުމުގެ ހާލަތު ރަނގަޅުކުރުން ކަމަށާއި އެކަމުގައި އދ. އިން އަބަދު ވެސް އެކީގައި ވާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

މިދިޔަ މަހުގެ 20 ގައި ރަނިލް ރައީސްކަމާށް އިންތިހާބުކުރުމާ ގުޅިގެން މަރުހަބާ ވެސް ވިދާޅުވެ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ލަންކާ އޮތީ ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ މައްސަލަތެއްގެ ތެރޭގައި ކަމަށްވާތީ ގައުމުން އެކަންކަމުން އަރައިގަތުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ވަރަށް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ރަނިލްގެ ޒައާމަތުގެ ދަށުން ލަންކާ މާލީ، އިގުތިސާދީ އަދި ސިޔާސީ މައްސަލަތަކަށް ހައްލު ހޯދާނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ގުޓަރޭޒް ވިދާޅުވި އެވެ.

"ލަންކާ ސަރުކާރާއީ ރައްޔިތުން ބޭނުންވާ ކަންކަމުގައި އަބަދު ވެސް އަޅުގަނޑުމެންގެ އެހީ އާއި ސަޕޯޓް ލިބޭނެ." އޭނާ ވިދާޅުވި އެވެ.

ގުޓަރޭޒްގެ ސިޓީގައި ވަނީ ސިޔާސީ ގައުމަށް ހަމަޖެހުމާއި އަމާންކަން ގެނައުމަށްޓަކައި ހުރިހާ ޕާޓީތައް އެކުލެވޭ ސަރުކާރަކަށް މަސައްކަތްކުރެއްވުމަށް ވެސް ރަނިލްގެ ކިބައިން އެދިވަޑައިގެންފަ އެވެ. ރަނިލް މަގާމަށް ވަޑައިގެންނެވީ ވެސް އެ ޝަރުތާ އެކީގަ އެވެ.

"މި ދަނޑިވަޅުގައި ކަންކަން ނިންމަން ވާނީ ހުރިހާ އެންމެންގެ މަޝްވަރާ އާއި ލަފާ އަދި ބައިވެރިވުން ވެސް ހޯދައިގެން،" ގުޓަރޭޒް ވިދާޅުވި އެވެ. "އަދި ހުރިހާ ކަމެއް ކުރިއަށް ގެންދަން ވާނީ ގާނޫނާއި ގަވައިދުތަކާއި ހަމަ އާއި އުސޫލުތަކުގެ މަތިން. ލަންކާ އަށް ހަމަޖެހުން އައުމަކީ އދ. ގެ ވަރަށް ބޮޑު އެދުމެއް އަދި އުންމީދެއް. މިކަމުގައި އެ ޖަމާއަތަށް ދެވެން އޮތް ހުރިހާ އެހީއެއް ލިބޭނެ."

ގުޓަރޭޒް ވަނީ ލަންކާގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ.