ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
ޝެއިހް ނިޝާންގެ ބަންދު ކްރިމިނަލް ކޯޓުން މީގެ ކުރިން އެކި ފަހަރުމަތިން އިތުރު ކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން މިއަދު ޝެއިހް ނިޝާން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތު ކުރުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.
ޝެއިހް ނިޝާން ބަންދު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބަންދުގައި ބަހައްޓަން ނިންމި ނިންމުމަށް ތާއީދު ކޮށްފައެވެ. އެހެންކަމުން ނިޝާންގެ ފަރާތުން އޮތީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައެވެ.
ޔޯގާ ދުވަސް ފާހަގަރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގާ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވާއިރު، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.