Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

މިއަދަކީ ވަރަށް ތާރީހީ ދުވަހެއް: މައުމޫން

މިއަދަކީ މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިތާ 14 ވަނަ އަހަރު ކަމަށާއި އެހެންވެ މިއަދަކީ ތާރީހީ ގޮތުން ރާއްޖެ އަށް ވަރަށް ހާއްސަ ދުވަހެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުސާސީ އަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ދާއިރާ އިން ވެސް މުޅި ދުނިޔެ ބަލައިގެންފައިވާ އެއްޗެއް ކަމަށެވެ.

"މިއަދަކީ އެއަށް އަމަލުކުރަން ފެށިތާ ސާދަ ވަނަ އަހަރު." މައުމޫން ވިދާޅުވި އެވެ.

އެމްއާރްއެމްގެ ލީޑަރު ވިދާޅުވީ ފެހި ގާނޫނުއަސާސީ ރައްޔިތުންނަށް އެތައް ހައްގެއް ލިބިފައި ދީފައިވީ ނަމަވެސް އޭގެ ފުރިހަމަ ފޮނިމީރުކަން ހޯދައި ދިނުމަށްޓަކައި އަދިވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ކުރިން އަމަލުކުރަމުން އައި ނޫ ގާނޫނުއަސާސީ މައުމޫންގެ ވެރިކަމުގައި އިސްލާހުކޮށް، ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށީ އޮގަސްޓް 7، 2008 ގަ އެވެ. މިހާރުގެ ގާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރީ ޖޫން 26، 2008 ގަ އެވެ.