Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް އޮކްޓޯބަރުގައި

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް އަންނަ އޮކްޓޯބަރުގައި ބާއްވަން ނިންމައިފި އެވެ.

އައްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި މުބާރާތް އޮންނާނީ އޮކްޓޫބަރު 15 ގައި ހިތަދޫ ސްޓޭޑިއަމްގައި ކަމަށެވެ. މި މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް އަންނަ މަހުގެ 1 އިން ފެށިގެން އައްޑޫ ކައުންސިލްގެ އިދާރާއިންނާއި ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން ލިބެން ހުންނާނެ އެވެ.

ކައުންސިލުން ވަނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ "ސްޕޯޓްސް ކޮމިޝަން" ގައި ރަޖިސްޓްރީ ވެފައިވާ ކްލަބް ޖަމްޢިއްޔާތަކުން ފޯމް ފުރިހަމަކޮށް އަންނަ މަހުގެ 15 ގެ މެންދުރު ފަހު 2:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަށް ހުށަހެޅުމަށް އެދިފަ އެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ ކްލަބް ޖަމްއިއްޔާ ތަކުގެ ޓީމް ލިސްޓް އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ.

މިއީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަންނުވައި ކުޅިވަރުގެ ރޫޙު އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާޙައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.