Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ފޭދޫ ސޮކާ ކަޕްގެ ޗެމްޕިއަނަކަށް ޒެފިޔާ

އައްޑޫ ފޭދޫ ފާހި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި "ފޭދޫ ސޮކާ ކަޕް" ގެ ޗެމްޕިއަންކަން އެފްސީ ޒެފިޔާ އިން ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޒެފިޔާ އިން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލްގައި މައިލޯ އެފްސީއާ ބައްދަލުކޮށް 1-0 އިން މޮޅުވެގެންނެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފްގައި ޒެފިޔާ ޓީމަށް ކާމިޔާބުކޮށްދިނީ ގައުމީ ޓީމުގެ ކުރީގެ އިތުބާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް ބޮންޑާ އެވެ. ބޮންޑާ މި ގޯލު ކާމިޔާބުކުރީ މައިލޯގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލު ކުރިމަތީ ހުރެ ބޮލުން ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ޒެފިޔާ ޓީމުގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު މައިލޯ ޓީމަށް ނަތީޖާ އެއްވަރުކުރަން މާ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެއް ނުވެ އެވެ.

ފައިނަލް މެޗަށްފަހު ވަނީ މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ހަނދާނީ ފިލާ އަރުވާފަ އެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް މައިލޯގެ ޑިފެންޑަރު އިބްރާހިމް ނަޖާހު ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޒެފިޔާގެ ހަސަން ރާއިފް އަހުމަދެވެ. އަދި އެންމެ މޮޅު ފޯވާޑަކަށް މައިލޯގެ މުހައްމަދު ނަޝީދު ހޮވުނުއިރު މުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޒެފިޔާގެ ކެޕްޓަން ބޮންޑާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޒެފިޔާގެ ކޯޗު އަހުމަދު ނަސީމެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކީ އެފްސީ އަފިރިންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ދީފައިވާ އިރު ރަނަރަޕް ޓީމަށް ދީފައި ވަނީ 15،000ރ. އެވެ.

މި މުބާރާތަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެނުވައި، ފުޓްބޯޅައިގެ ރޫހު އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޭދޫ އަވަށު އޮފީސް ކޮންޓްރޯލް ޕީ އާއި ދިރާގު އަދި ހެޕީ މާކެޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.