Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ބްރައިޓަން އިން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އިން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗަށް ޔުނައިޓެޑުން ނެރުނު ފުރަތަމަ އެގާރައިން އެޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަދީފައެއް ނުވެ އެވެ. ނަމަވެސް މި ޓްރާންސްފާ މާކެޓުގައި އެޓީމަށް އަލަށް ގެނައި އާޖެންޓީނާގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އަދި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވަނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފަ އެވެ.

މިއީ ޔުނައިޓެޑްގެ އާ ކޯޗު އެރިން ޓެން ހޭގްގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. މިއީ ޔުނައިޓެޑްގެ ދަނޑުގައި ކުޅެ ބްރައިޓަން އިން އެޓީމުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ބްރައިޓަން އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން ޑެނީ ވެލްބެކް ހުރަސްކޮށްލި ބޯޅައަކުން މެޗުގެ 30 ވަނަ މިނެޓްގައި މި ގޯލު ބްރައިޓަން އަށް ކާމިޔާބުކޮށްދިނީ ޕަސްކަލް ގްރޮސް އެވެ. ގްރޮސް މި ގޯލު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އޭގެ ނުވަ މިނެޓްފަހުން ބްރައިޓަން އިން ދެވަނަ ގޯލު ކާމިޔާބުކުރިއިރު މި ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ގްރޮސް އެވެ. މިއީ ބްރައިޓަން އިން ފޮނުވާލި ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާގެ އަތުގައި ޖެހިފައި ނިކުތް ވަގުތު ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ދެ ގޯލުގެ ލީޑަކާއެކު ބްރައިޓަން އިން ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގައި ރޮނާލްޑޯ ވަނީ ކުޅެން އަރުވާފަ އެވެ. ދެވަނަ ހާފްގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކުރިއިރު މެޗުގެ 68 ވަނަ މިނެޓްގައި އެޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. މިއީ ބްރައިޓަންގެ މެކަލިސްޓާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ބްރެންޓްފޯޑާ އެވެ. ބްރައިޓަން ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.