Last Updated: April 24, 06:02
Wednesday, April 24, 2024
ޚަބަރު

ރާއްޖޭގައި ގިސާސް ހިފަން ޖެހޭ: ޝަހީމް

ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު

ރާއްޖޭގައި ގިސާސްގެ ހުކުމް ތަންފީޒު ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވެފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މާލޭގައި ޒުވާން އަންހެނަކަށް މަރާލާފައިވާ ދަނޑިވަޅެއްގަ އެވެ. މަރާލާފައިވަނީ ޝިއާއު މުހައްމަދު ސައީދު ،22، އެވެ. އެ މަރާއި ގުޅިގެން ވަނީ ޒުވާން ސްކޭޓަރު އަލީ ޝާހިލް ހައްޔަރުކޮށްފަ އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީން ބާރު ލިގެންވާ މަގުން، ޤާނޫނޫލް ޢުޤޫބާތުގައިވާ ގޮތުގެ މަތިން ރާއްޖޭގައި އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެން ޤިޞާޞްގެ ޙުކުމް ތަންފީޒުކުރަންޖެހޭ ކަމަށެވެ. އަދި އަނިޔާވެރި ޢަމަލުތަކަށް ޙައްޤު އަދަބުތައް ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީޢަތުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ސާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ނަމަވެސް އޭނާ އަދި މިހާތަނަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ. އަދި އިތުރު މީހަކަށް މި މައްސަލާގައި ތުހުމަތު ނުކުރެވޭ ކަމަށާއި ހަމަލާދޭން ބޭނުންކުރި ހަތިޔާރުތައް ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.