Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ގައްޒާގެ ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ފަލަސްތީނުގެ ގައްޒާ އަށް ދޭ ހަމަލާތައް ހުއްޓާލަން އިޒްރޭލުން އެއްބަސްވެއްޖެ އެވެ.

ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު އަނެއްކާވެސް ހޫނުވީ އިޒްރޭލުން ޕަލަސްތީނިއަން އިސްލާމިކް ޖިހާދް (ޕީއައިޖޭ) ގެ އިސްވެރިޔެއް ކަމުގައިވާ ބާސިމް ސާދީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރުމާ ގުޅިގެންނެވެ. ސާދީގެ ހައްޔަރާއި ގުޅިގެން ޕީއައިޖޭ އިން އިޒްރޭލަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދެމުންދިޔައިރު ރައްދުގައި އިޒްރޭލުން ވެސް ވަނީ ގައްޒާ އަށް ވައިގެ ހަމަލާތައް ދީފަ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަމުންދިޔައިރު ހަމަލާތައް ހުއްޓާލަން ދެ ފަރާތުން ވެސް އެއްބަސްވީ މިސްރުން ކުރި މަސައްކަތުންނެވެ. އެގޮތުން ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ހަމަލާތައް ބަދަލުކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުން ގައްޒާ އަށް ދިން ހަމަލާތަކުގައި 43 މީހަކު ވަނީ މަރުވެފަ އެވެ. އޭގެތެރޭގައި 15 ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި 300 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

އިޒްރޭލުން ބުނީ ޕީއައިޖޭއާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފެށީ އެ ޖަމާއަތުގެ ނުރައްކާ އެގައުމަށް އޮތް ކަމަށް ބެލެވޭތީ އެވެ. އަދި ހަމަލާތައް އަމާޒުކުރަނީ ގައްޒާގައި ހުންނަ ޕީއައިޖޭގެ ޓާގެޓުތަކަށް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

އިރާނުގެ އެއްބާރުލުމާ އެކު ހިންގާ ޕީއައިޖޭ އަކީ ގައްޒާގައި ހަރަކާތްތެރިވާ އެންމެ ވަރުގަދަ އެއް ހަތިޔާރު އެޅި ގްރޫޕެވެ.