Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ފޯޑްގެ ކާރު ޕްލާންޓެއް ޓާޓާ އިން ގަންނަނީ

އެމެރިކާގެ މަޝްހޫރު ކާރު ކުންފުނި، ފޯޑް އިން އިންޑިއާގައި ހިންގަމުން އައި ކާރު ޕްލާންޓް އެ ގައުމުގެ މަޝްހޫރު ކުންފުނި ޓާޓާ އަށް ވިއްކާލަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ގުޖުރާތުގައި ގާއިމުކޮށްފައިވާ ޕްލާންޓް ޓާޓާ އިން ގަންނަން ނިންމީ 91.5 މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން ފޯޑްގެ ކާރު ޕްލާންޓް ގަތުމުގެ މައިގަނޑު ބޭނުމަކީ ޓާޓާ އިން އެއްގަމު އުޅަނދުފަހަރު އުފެއްދުން އިތުރަށް ފުޅާކުރުމެވެ. ފޯޑްގެ ގުޖުރާތުގެ ޕްލާންޓް ގަންނަން ޓާޓާ އިން އެއްބަސްވީ ބިމާއި އެތަނުގައި ހުރި ހުރިހާ މެޝިނަރީއަކާއި ޓާޓާ އިން ބޭނުންވާ ފެންވަރުގެ މުވައްޒަފުންނާ ވެސް އެކީގަ އެވެ.

ފޯޑްގެ ގުޖުރާތުގެ ކާރު ޕްލާންޓް، ޓާޓާ އަށް ވިއްކައިލަން ނިންމި އިރު ފައިދާ ނުވާތީ މިދިޔަ އަހަރު އެ ކުންފުނިން ވަނީ އިންޑިއާގެ ޕްރޮޑަކްޝަން ހުއްޓާލައިފަ އެވެ.

ފުރަތަމަ 10 އަހަރުގެ ތެރޭގައި ފޯޑަށް އިންޑިއާ އޮން ބޮޑު ފައިދާއެއްވަމުން ދިޔަ ނަމަވެސް އެ ގައުމުގައި ހަރަކާތްތެރިވާ ބައެއް ބިދޭސީ ކުންފުނިތަކާއި އަދި ދޭސީ ކުންފުނިތަކުގެ އުފެއްދުންތަކުގެ މަގުބޫލުކަން އާންމުންގެ މެދުގައި މަގުބޫލުވާން ފެށުމުން ފޯޑަށް މި ފަހުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

އިންޑިއާގެ ކާރު ޕްލާންޓް ޓާޓާ އަށް ވިއްކައިލުމާ ބެހޭ ގޮތުން ފޯޑް އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށެވެ.