Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު

"ލިވާތުކޮށްގެން" ސިފައިންގެ މީހަކު ސަސްޕެންޑްކޮށްފި

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ސިފައިންގެ މީހަކު ވެސް ސަސްޕެންޑްކޮށްފި އެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ޑިފެންސް މިނިސްޓްރީން ސިފައިންގެ މީހާ ސަސްޕެންޑްކުރީ ފުލުހުން މިހާރު ބަލަމުން އަންނަ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާ ގުޅިގެން، އޭނާ ވެސް އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ ތެރޭގައި ހިމެނޭކަން އެނގުމާ ގުޅިގެންނެވެ.

ނަމަވެސް މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ސީދާ ވަކި އެއްޗެއް ނުބުނެ އެވެ.

ފާހަގަކޮށްލެވޭ އެއް ކަމަކީ ސިފައިންގެ މީހަކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ޑިފެންސްް މިނިސްޓްރީން އޭނާ ސަސްޕެންޑްކުރި އިރު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ ދަރިއަކަށް ވެސް މިފަދަ ތުހުމަތުތަކެއްކުރެވޭ ކަމެވެ. އެގޮތުން އަލަމްގީރާ ގުޅުން ހިންގި މީހުންގެ ތެރޭގަ އާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް އަނދުން ހުސެއިން ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގި މީހުންގެ ތެރޭގައި ވެސް މާރިޔާގެ ދަރިފުޅު އައްފާން އަބުދުއްސައްތާރު ހިމެނޭ ކަމަށް އަޑު އަރާފައިވެ އެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގި ބައެއް މީހުން ހައްޔަރުކޮށްފައިވާ އިރު، ބައެއް މީހުން ވަނީ ވަޒީފާތަކުން ސަސްޕެންޑްކޮށް ވަކި ވެސް ކޮށްފަ އެވެ. މީގެ ތެރޭގައި ފުލުހަކާއި ޓީޗަރުންނާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ކަސްޓަމްސްގެ އޮފިސަރުންތަކެއްގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ވެސް ހިމެނެ އެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) ވެސް ހިމެނެ އެވެ.

ގިނަ އަދަދެއްގެ ދިވެހިންތަކަކާ އެކީ އަލަމްގީރް ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ. އޭނާ ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރާ ކަމަށްވެ އެވެ.