އައްޑޫ ހިތަދޫ އެތެރެވަރީގައި މިހާރު އޮތް ސީލް އަށް އުނދަގޫވާ ގޮތަށް އާންމުން ކަންކަން ނުކުރުމަށް ކައުންސިލުން އެދިއްޖެ އެވެ.
އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހުރި ދިމާގެ ފުއްޓަރު ފަރާތަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ވަން ސީލް ބަލާލަން ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެ، އެއަށް ކާންދީ ކައިރިން ފޮޓޯ ނެގުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
ނަމަވެސް އެގޮތަށް އަމަލު ނުކުރުމަށް ކައުންސިލުން ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ.
"ސީލް އަކީ އޭގެ ޒާތުގައި އަމިއްލަ ހާލާއިގެން އުޅޭ އެެއްޗެއްކަމުން އެ ސީލް އަށް އެއްވެސް ވަރަކަށް ގޯނާނުކޮށް، ކާން ނުދީ އަދި އޭގެ ވަށައިގެން މީހުން ޖަމާވެ ފޮޓޯ ނަގައި އިންސާނުންގެ އުނދަގޫ އެއަށް ވާ ގޮތަށް އާންމުންގެ އަމަލުތައް ނުބެހެއްޓުމަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ."
އެ ސީލް ބަލަން އިއްޔެ އާއި ރެއާއި އާއި މިއަދުގެ އެކި ވަގުތުތަކުގައި ވެސް މީހުން ޖަމާވި އެވެ. އެ ސީލް ދޭތެރެ ދޭތެރެ އިން ރާޅުފަށާ ހިސާބަށް އައިސް އޮވެ އެވެ. އަދި އެގޮތަށް އިރުތަކެއް ވަންދެން އޮތުމަށް ފަހު، ބޭރަށް ގޮސް އަނެއްކާ ވެސް އެނބުރި އާދެ އެވެ.
އެގޮތަށް އޭގެ ހަރަކާތްތައް ހުރުމުން އެ ބަލާލަން އާންމުން ޖަމާވާ މިންވަރު ގިނަކަން ފާހަގަކޮށްލެވެ އެވެ. އެކަމަކު ސީލް މިހާރު ފެންނަނީ ހާލު ވަރަށް ދެރަކޮށެވެ.
އިއްޔެ ހިތަދޫ އެތެރެވަރި އަށް ސީލްއެއް ވަނުމުގެ ކުރިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް ހިތަދޫގެ އެހެން ދިމާއަކަށް ސީލް އަށް ވަނެވެ. އައްޑު އަށް އެންމެމެ ފުރަތަމަ ސީލްއެއް ލެއްގީ 2006 ގައި ހަންކެޑެ ސަރަހައްދަށެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ މިފަދަ އެއްޗިއްސަށް ގޯނާނުކުރަން އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.