Last Updated: May 8, 16:47
Wednesday, May 8, 2024
ދުނިޔެ

ޓްރަމްޕްގެ ގެ ބަލައި ފާސްކޮށްފި

ފްލޮރިޑާގައި ހުންނަ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެކޮޅު އެފްބީއައި އިން ބަލާ ފާސްކޮށްފި އެވެ.

ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފްލޮރިޑާގައި ހުންނަ އޭނާގެ ގެކޮޅަށް އެފްބީއައި އިން ވަދެފައިވަނީ ކުރިން އެންގެވުމަކާ ނުލައި ކަމަށާއި މިއީ 2024 ގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރުމަށް ހުރަސްއެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

އެފްބީއައި އިން ގެކޮޅަށް ވަތް ސަބަބެއް ޓްރަމްޕް ހާމަކޮށްފައި ނުވާއިރު އޭނާ ވަނީ ގެކޮޅުގައި ހުރި ސޭފް ވެސް އެފްބީއައި އިން ހަލާކުކޮށްލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ އެމެރިކާ އަށް އަނދިރި ދުވަސްތަކެއް ކަމަށާއި މިއީ އެމެރިކާގެ ރައީސްކަން ކުރައްވާފައި ހުންނެވި އެއްވެސް ފަރާތަކަށް ކުރިމަތިވެވަޑައިގެންނެވި ކަމެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ މީޑިއާތަކުން އެފްބީއައިގެ މަސްދަރުތަކާއި ހަވާލާދީ ރިޕޯޓުކުރާ ގޮތުގައި އެފްބީއައިގެ ޓީމަކުން ޓްރަމްޕްގެ ގެކޮޅު ބަލައި ފާސްކޮށްފައިވަނީ ވެރިކަމުގައި ހުންނެވި ދުވަސްވަރު ވައިޓްހައުސް އިން ގެންދިޔަ ސިއްރު ޑޮކިއުމެންޓްތަކެއް އެގެކޮޅުގައި ހުރުމުންނެވެ.

އެފްބީއައި އިން ޓްރަމްޕްގެ ގެކޮޅު ބަލައި ފާސްކުރިއިރު އޭނާ ފްލޮރިޑާގައި ނޫޅުއްވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ޓްރަމްޕް އޭރު ހުންނެވީ ނިއު ޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރުގައި ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ޓްރަމްޕްގެ ގެކޮޅު އެފްބީއައި އިން ބަލައި ފާސްކޮށްފައިވާއިރު އެމެރިކާގައި ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ތައްޔާރީތައް ޓްރަމްޕް މިހާރުވެސް ފައްޓަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.