Last Updated: April 26, 20:05
Friday, April 26, 2024
ޚަބަރު

ލޫކަސްގެ ދިފާއުގައި ފޭދޫ މެމްބަރު ނިހާދު

ބަންގަލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓެއް ކަމަށްވާ ލޫކަސް ޖަލީލު ވެސް ހިމެނޭ ކަމަށް ބުނާތީ އޭނަގެ ދިފާއުގައި ރައްޔިޔުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވާހަކަ ދައްކަވައިފި އެވެ.

ލޫކަސް އަކީ ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެކެވެ.

އޭނައާ ބެހޭ ގޮތުން އުމަރު ޝުޖާއު ކިޔާ މީހަކު އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން ފުލުހުންގެ ތަހުގީގަށް ކަށަވަރުވި މީހުންގެ ލިސްޓް ލިބިއްޖެ ކަމަށާއި އޭގެ ތެރޭގައި ލޫކަސް ހިމެނޭ ކަމަށެވެ. އެހެންވެ ވީޑިއޯ ލީކްވުމުގެ ކުރިން އޭނަ މަގާމުން އިސްތިއުފާ ދީ ފުލުހުންނާ ހަވާލުވާން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އެ ޓްވީޓްގެ ރައްދުގައި ނިހާދު ވިދާޅުވީ އަލަމްގީރާ އެކީ ލޫލަސް ގުޅުން ހިންގިކަމުގެ ވީޑިއޯއެއް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް އެހާ ކަށަވަރުކަމާ އެކީ ނިހާދު ލޫކަސް ދިފާއު ކުރައްވައި ކީއްވެ ކަމާއި ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ނޭނގެ އެވެ.

އަދި އިއްޔެ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝީރުކަމުގެ މަގާމުން ވެސް މިފަދަ މައްސަލައެއްގައި ވަކިކުރީ ނިހާދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އިސް އެކްޓިވިސްޓެކެވެ. އެއީ އެ ޕާޓީގެ ޖަލްސާތަކުގައި އާންމުކޮށް ޤުރުއާން ކިޔަވާ ގާރީއެއް ކަމަށްވާ އިބްރާހީމް ރިފާއު (ރާއްޕެ) އެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ލީކްވެ، މިހާތަނަށް ބައެއް މީހުން ބޭޒާރުވެފައިވާ އިރި، ޖޫން މަހުގެ ޔެރޭގައި މިފަދަ ވީޑިއޯތައް ލީކްވާން ފެށި ފަހުން ލޫކަސް އަށް ތުހުމަތުތަކެއްކޮށް މީގެ ކުރިން ބައެއް މީހުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވެ އެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގި ކަމަށް ބުނާ މީހުންގެ އަދަދު 250 އަށް އަރާ ކަމަށްވެ އެވެ.

މީގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް، ބައެއް މީހުން މަގާމުތަކުން ސަސްޕެންޑްކޮށް އަދި ބައެއް މީހުން މަގާމުތަކުން ވަކިކޮށްފައިވެ އެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިބި ބަޔަކު ހިމެނޭކަން ފާހަގަކުރެވެ އެވެ.