Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ގިސާސް އަށް އިންކާރު ކުރުމަކީ ކުފުރެއް: ޒައިދު

ގިސާސް ހިފުން ނުވަތަ މަރަށް މަރު ހިފުމުގެ ހުކުމަށް އިންކާރު ކުރުމަކީ ސީދާ ކުފުރުގެ އަމަލެއް ކަމަށް ޝެއިހް އަލީ ޒައީދު ވިދާޅުވެއްޖެ އެވެ.

މި ހަފުތާގައި ވަރަށް އަނިޔާވެރިކޮށް މާލޭގައި މީހަކު މަރާލާފައިވާތީ ރާއްޖޭގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ގިސާސް ހިފަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަަލީ ސައީދުގެ އިތުރުން ރާއްޖޭގެ ވަރަށް ހިނަ ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު މިހާރު ބުނަމުން އަންނަނޫ ރާއްޖޭގައި މީހުން މެރުން މިހާރު އާންމު ކަމަކަށްވެފައިވާތީ ގިސާސް ހިފަން ޖެހޭ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި އަބަދު ވެސް ގިސާސް ހިފުމަކީ ސަރުކާރުތަކުން ސިޔާސީ ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ގޮތަށް ގިނަ ބަޔަކު ދެކެ އެވެ. އަދި އެ ހުކުމަށް ރާއްޖޭގެ ބައެއް ސަރުކާރުތަކުން ފާޅުގައި އިންކާރު ވެސް ކޮށްފައިވެ އެވެ.

އެހެންވެ ގިސާސާ ދެކޮޅަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިސާސްގެ ހުކުމަކީ އެއަށް އެއްވެސް މީހަކަށް ފާޑެއް ކިޔޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހުކުމަށް އިންކާރު ކުރުމަކީ ސީދާ ކުފުރުގެ އަމަލެކެވެ.

ރާއްޖޭގައި މީހުން މެރުން އިތުރުވަމުންދާ އިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޮލާއި ހަތަރެސްފައި ބުރިކޮށް މަރާލީ 22 އަހަރުގެ އަންހެނެކެވެ. މިއީ މި އަހަރު ރާއްޖޭގައި މަރާލި ދެވަނަ މީހާ އެވެ. މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ އައްޑޫ ފޭދޫގައި ތޫނު އެއްޗެހިން ހަމަލާދީ 21 އަހަރުގެ ފިރިހެނަކު ވެސް މަރާލާފައިވެ އެވެ