ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފަތުރަމުންދާތީ އެފަދަ އެެއްޗެހި ނުފަތުރަން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް އެދިއްޖެ އެވެ.
ދީނަށްޓަކައި މިއުޒިކް ދޫކޮށްލައި، މިހާރު އިސްލާމް ދީން ފެތުރުމުގެ މަސައްކަތްކުރަމުން އަންނަ އަލީ ވަނީ ބަދުއަހުލާގީ މަންޒަރުތައް ފެންނަ ވީޑިއޯތައް ނުފަތުރަން ޖެހޭ ސަބަބުތަކެއް ވެސް ހިއްސާކޮށްފަ އެވެ. ފޭސްބުކްގައި އޭނަ ބުނީ ފާހިޝް މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުކުރުމުން މުޖަތައުގައި އެފަދަ ކަންކަމާ ދޭތެރޭ ގޮތް ލުއި ވެސް ވަމުންދާ ކަމަށެވެ.
ރާއްޖޭގައި މި ފަހުން މިހާރު އެންމެ ބޮޑަށް އާންމުވަމުން ދަނީ ބަންގްލަދޭޝްގެ ފިރިހެނަކާ ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެވެ. މި މައްސަލާގައި އެމްޑީ އަލަމްގީރް ކިޔާ މީހާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. އަދި އޭނާއާ އެކީ ގުޅުން ހިންގި ބައެއް މީހުން ވެސް ހައްޔަރުކޮށް، 18 މީހެއްގެ ޕާސްޕޯޓް ވެސް ފުލުހުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ.
އަޑު އަރާފައިވާ ގޮތުން އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރާ ކަމަށްވެ އެވެ.
އަލީގެ ޕޯސްޓްގައި ބުނީ ވީޑިއޯތައް އާންމުކުރުމުގެ ސަބަބުން ފަޟީހަތްވެ ލަދުވެތިކަމާ ކުރިމަތިލާން ޖެހެނީ އެ ވީޑިއޯތަކުން ފެންނަ މީހުން އެކަނި ނޫން ކަމަށެވެ.
"އާއިލާތަކުގައި ތިބި ކުދިބޮޑު އެތައް ބަޔަކު އެ ލިބޭ ލަދުވެތިކަމު ސަބަބުން ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް އެބަދޭ،" އޭނާ ބުންޏެވެ. "އެއީ އެތައް ބަޔަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް."