Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ޓެނިސް ތަރި ސެރީނާ ރިޓަޔާކުރަނީ

ދުނިޔޭގައި އުފެދު އެންމެ މޮޅު އަދި އެންމެ ކާމިޔާބު އަންހެން ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ލެޖެންޑް ސެރީނާ ވިލިއަމްސް ރިޓަޔާކުރަން ނިންމިކަން ވޯގް މަޖައްލާ މެދުވެރިކޮށް އިއުލާންކޮށްފި އެެވެ.

އަންނަ މަހުގެ 26 ގައި 41 އަހަރު ފުރޭ ސެރީނާ ބުނި ގޮތުގައި "ރިޓަޔަމަންޓް" އަކީ އޭނަ މާ ގަޔާވާ ބަހަކަށް ނުވިޔަސް މިހާރު ދެން ޕްރޮފެޝަަލްކޮށް އެ ޓެނިހާ ދުރުވާންވެއްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މީގެ އެންމެ ބޮޑު ސަބަބަކީ އާއިލާ ކަމަށާއި މިހާރު އެންމެ ބޮޑަށް ވިސްނެނީ ވެސް ދަރިފުޅުގެ ކުރިމަގާ މެދު ކަމަށެވެ.

ޓެނިހުން މިހާތަނަށް އެތައް ކާމިޔާބިއެއް ހޯދައި ވަރަށް ތަނަވަސް ދިރިއުޅެއް ވެސް އުޅޭ ސެރީނާ ބުނި ގޮތުގައި އޭނަ 4 އަހަރުގެ އަންހެން ދަރިފުޅު އެލެކްސިސް އޮލިމްޕިއާ އޮހާނިއަން ޖޫނިއާ "ސުޕަސްޓާރަކަށް" ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެހެންވެ އަމިއްލަ އަށް ޓެނިހާ ދުރުވެ ދަރިފުޅާއި އާއިލާ އަށް މިހާރު ހުރިހާ ވަގުތެއް ދޭން ވަރަށް ބޮޑަށް ބޭނުންވާ ކަމެވެ.

ޓެނިސް އާއިލާއަކަށް އުފަން ސެރީނާ އާއި އިންޓަނެޓް ވިޔަފާރިވެރިޔާ އެލެކްސިސް އޮހާނިއަން، 39، ކައިވެނިކުރީ 2017 ގަ އެވެ.

ސެރީނާ ރަސްމީކޮށް ޓެނިހުން ރިޓަޔާކުރަން ހަމަޖެހިފައި ވަނީ މި ފަހުގެ ކޮޅު ފަށާ ޔޫއެސް އޯޕަން އަށް ފަހު އަންނަ މަހުގެ ތެރޭގަ އެވެ. އޭނަ ބުނި ގޮތުގައި ކުޅިވަރުން ރިޓަޔާކުރާ އިރު މިހާތަނަށް ހޯދުނު ކާމިޔާބީތަކާ ދޭތެެރޭ ވެސް ވަރަށް ފަހުރުވެރިވާ ކަމަށް ބުންޏެވެ. އަދި ޓެނިހުން ރިޓަޔާކުރާ އިރު ދެންމެ އެންމެ ބޮޑަށް މިސްވާނެ އެއް ކަމަކީ ވެސް ހޯދޭ ކާމިޔާބޯތައް ކަމަށް ބުންޏެވެ.

ސެރީނާގެ ކެރިއަރުގައި މިހާތަނަށް ޓެނިހުން ހޯދި ކާމިޔާބީތަކުގެ ތެރޭގައި 23 ގްރޭންޑް ސްލޭމް ސިންގަލް ޓައިޓްލްސް ހިމެނެ އެވެ.

ސެރީނާގެ ދައްތަ ވީނަސް ވިލިއަމްސް، 42، އަކީ ޓެނިހުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މީހެކެވެ. އެ މީހުންގެ ބައްޕަ ރިޗަޑް ވިލިއަމްސް އަކީ ޓެނިސް ކޯޗެކެވެ. ސެރީނާ އާއި ވީނަސް ވިލިއަމްސް ދުނިޔޭގެ ވަރުގަދަ ޓެނިސް ތަރިންނަށް ވެސް ވީ ބައްޕަގެ ބުރަ މަސައްކަތުންނެވެ.

މި ތިންބެއިންގެ ވާހަކަ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ކިންގް ރިޗަޑް" ގައި ވެސް ކިޔައި ދީފައިވެ އެވެ. އޭގައި ރިޗަޑްގެ ރޯލު ކުޅެގެން ވިލް ސުމިތަށް އެންމެ މޮޅު އެކްޓަރު އޮސްކާ އެވޯޑް ވެސް މި އަހަރު ލިބިފައިވެ އެވެ.