Last Updated: April 23, 23:56
Tuesday, April 23, 2024
ރިޕޯޓް

އައްޑޫ މަގު ހެދުން: ކައުންސިލްގެ ޒިންމާއެއް ނެތް!

އައްޑޫގެ މަގު ހެދުމުގެ ބިޔަ މަސައްކަތް ފެށުތާ މިހާރު އަހަރު ދުވަސް ވެއްޖެއެވެ. ހިތަދޫ އަދި ފޭދޫ މަގު ހެދުމުގެ އަމަލީ މަަސައްކަތާއި ހަންކެޑެ ބުރިޖުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ އިރު މި މަސައްކަތަކީ އައްޑޫގެ ތާރީހުގައި ކުރިއަށްގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއުއެވެ.

ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ދަތުރުފަތުރުކުރުމާއި ގުޅިފައިމާ މި މަަސައްކަތް ކުރިއަށްދާ އިރު މަސައްކަތުގެ ކަންކަން ބަލައި، މަސައްކަތާއި ގުޅިގެން އަޅަން ޖެހޭ ގިނަ ފިޔަވަޅުތައް ލާޒިމު ކުރެވިފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށެވެ. އެގޮތުން އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރު އައްޑޫ ސިޓީ ކައުންސިލުން މި މަސައްކަތާއި ގުޅިގެން ގިނަ ކަންތައްތައް ކުރަންޖެހެއެވެ. އޭގެ ތެރޭގައި މަސައްކަތް ހިނގަމުންދާ ސަރަހައްދުތައް ރައްޔިތުންނަށް އެނގޭނެ ގޮތް ހެދުމާއި އާއްމު ދަތުރުފަތުރަށް ބުރޫ ނާރާނެ ގޮތަށް ކަންކަން ރޭވުމާއި މަސައްކަތްދާ ގޮތް ބަލައި މޮނިޓަރ ކުރުމަކީ އައްޑޫ ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.

ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގެ ނ ގައިވާ ގޮތުން ތަރައްގީގެ އެކިއެކި މަށްރޫއުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަށްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގައި ހިންގާ މަށްރޫއުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެމިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެމިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހެދުމަކީ ކައުންސިލުގެ ޒިއްމާއެކެވެ.

މަގު ހެދުން ފަދަ ތަރައްޤީ އާއި ގުޅުން ހުރި ބޮޑު މަސައްކަތެއް ކުރިއަށްދާ އިރު އެކަން ހިނގާ ނުހިނގާ ގޮތް ބަލައި އެކަމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ނަމަ އެ މަޝްވަރާ ކައުންސިލުން ދޭން ޖެހެއެވެ.

މީގެ އިތުރުންވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން އައްޑޫ ކައުންސިލުން ވަނީ މަގު ބަންދު ކުރުމާއި ބެހޭ ގަވާއިދެއް ހަދައި ގެޒެޓުކޮށްފައެވެ. ކައުންސިލުން ހެދި ގަވާއިދުގައި ވާ ގޮތުން މަގު ބަންދު ކުރެވޭނީ ކައުންސިލަށް ހުށަހަޅައި ހުއްދަ ހޯދައިގެންނެވެ. އަދި މަގު ބަންދު ކުރާ ބޯޑު ބަހައްޓާނީ ކައުންސިލު މުވައްޒަފެއްގެ ހާޒިރުގައެވެ.

އެ ގަވާއިދުގައިވާ ގޮތުން މަގު ބަންދުކުރާ ބޯޑު ބަހައްޓައިގެން މަސައްކަތްކުރިނަމަވެސް، މަސައްކަތްކުރާންވާނީ އެ މަގުން ހިނގާ
މީހުންނަށް ހިނގާބިނގާވެ އުޅުމުގައި ދަތިނުވާނެ ގޮތެއްމަތީންނެވެ. އަދި މަގު ބަންދުކޮށް މަސައްކަތް ކުރާނަމަ މަސައްކަތް ނިމެންދެން އެ މަގުން ހިނގާ މީހުންނަށް ހިނގާބިނގާވެ އުޅުމުގައި ދަތިނުވާނެ ގޮތް ހަދަން ޖެހެއެވެ. އަދި މަގެއް ބަންދުކޮށްގެން މަސަކަތްކުރަން ބޭނުންވަނީ ހަވީރު 6 ގެ ފަހުން ކަމުގައިވާނަމަ، ނުވަތަ މަސަކަތް ދުވާލު ފެށިނަމަވެސް، އެ މަސައްކަތް ހަވީރު 6 ގެ ފަހުން ދެމިގެންދާނަމަ، ހަވީރު 6 ގެ ފަހުން ނިވިދިއްލޭ ބައްތިއެއް ބޯޑުގައި ހަރުކޮށްފައި ހުންނަންވާނެ ކަމަށް ކައުންސިލުން އާއްމުކޮށްފައިވާ ގަވާއިދުގައިވެއެވެ.

މީގެ އިތުރުންވެސް މަގު ކޮނުމާއި މަގުގައި އެއްޗެހި ވަޅުލުމާއި ގުޅޭ ގަވާއިދެއްވެސް ކައުންސިލުން ވަނީ ހަދާފައެވެ. އެގަވާއިދުގައިވެސް ވަނީ މަގު ކޮނުމަށް ހުއްދަ ނަގަން ޖެހޭނެ ކަމަށާއި މަގު ކޮނުމަށްޓަކައި މަންގު ބަންދު ކުރާއިރު މަސައްކަތްކުރާ ވަހުތުގައި އެމަސައްކަތްކުރާ
ސަރަހައްދުގެ ދެކޮޅުގައި މަސައްކަތް ނިމެންދެން، ދުވާލުގައި ނަމަ 'މަސައްކަތްކުރާ ބޯޑު' ނުވަތަ ރަތް ދިދައެއް، އަދި ރޭގަނޑުގައި ނަމަ ރަތް ބޮތްކެއް ދިއްލާފައި ހުންނަންވާނެއެވެ. އަދި ވަޅުގަނޑެއް ނުވަތަ ކޯރުކަނޑައިފައިވާ ތަނަކަށް ފަސްނުލައި ހަވީރު 6:00 ގެ ފަހުން ބަހައްޓާނަމަ އެތަނުގެ ވަށައިގެން އުސްކޮށް ކޮށްޓެއް ހަދައި، އެ ކޮށި ވަށައިގެން ރޯނު ދަމައި ނުވަތަ ނަނުދަމައި ވަކިކުރަންވާނެކަމަށެވެ.

ނަމަވެސް ކައުންސިލުން ހަދާފައިވާ މިފަދަ އެއްވެސް ގަވާއިދެއް އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ އިރު އަމަލު ކުރަމުންދާތަނެއް ނުފެނެއެވެ. މަގު ތަކުގެ ވަކި ހިސާބުތަކުގައި ކޯން ބަހައްޓައި، މަސައްކަތް ކުރިއަށްދާކަމަށް ލިޔެފައިވާ ބޯޑުތައް ބަހައްޓާފައި ނުއްޓަސް ގިނަ ތަންތަނުގައި އެތަކެތި ހުންނަނީ ނަމެއްގައި ބަހައްޓާފައެވެ،

ބައެއް މަގުތަކުގެ ފެން ހިންދާ ކާނުގަނޑުތަކުގެ ކައިރީގައި ޓޭޕް ދަމާފައި ހުއްޓަސް އެތަކެތިވެސް ހުންނަނީ ކަމަކަށް ކަމެއް ކުރާ އުސޫލުންނެވެ. ދާދި ފަހުން އައްޑޫއަށް ކުރި ވިއްސާރާގައި މަގުތަކުގައި ފެން ބޮޑުވި އިރު މިފަދަ ގިނަ ކާނުތަކަށް ބައެއް މީހުން ވެއްޓި އަނިޔާވެފައިވެއެވެ. އަދި ރޭގަނޑު ދަތުރު ކުރާ ފަރާތްތަކަށް އަލި ކުރެވިފައި ނެތުމުގެ ސަބަބުންވެސް އަނިޔާ ލިބިފައި އެބަހުއްޓެވެ.

ހިތަދޫގެ ބައެއް އާއްމުންގެ ޝަކުވާ އަކީ ގިނަ ދުވަސްތަކެއް ވަންދެން މަގު ބަންދު ކުރެވި ގެއިން ނުނިކުމެވި ބަންދުވެފައި ތިބެން ޖެހުމެވެ. އަދި ބައެއް ވެހިކަލްތައް ގަރާޖުތަކުގައި ތާށިވެފައިވާ އިރު ބައެއް މީހުންގެ ވެހިކަންތައް ގެއަށް ނުވެއްދި އެތައް ދުވަހެއް ހޭދަވެގެންދާ ކަމަށެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ބައެއް ޓެކްސީ ދުއްވާ މީހުން ބުނީ މަގުތައް ފެށޭ ހިސާބުތަކުގައި މަގު ބަންދު ބޯޑު ނެތުމުގެ ސަބަބުން މަސައްކަތް ކުރާ ބައެއް މަގުތަކަށް ވަދެ ތާށިވެފައިވެސް އެބަހުރިކަމަށެވެ. އަދި އޭގެ ސަބަބުން ވެހިކަލްތަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެފަރާތްތަކުން ފާހަގަ ކުރެއެވެ.

އެގޮތުން ބަންދު ކުރެވޭ މަގުތަކާއި، ބަންދު ކުރަން އުޅޭ މަގުތަކުގެ ތަފްސީލު ދުވަހުން ދުވަހަށް ކައުންސިލުން ހާމަ ކުރާ ނަމަ އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

"މިކަމުގައި ކައުންސިލުގެ ޒިއްމާ ބޮޑު، މިވަރުގެ މަޝްރޫއުއެއް ކުރިއަށްދާއިރު ކައުންސިލުން މިއަށްވުރެ ބޮޑަށް މިކަމުގައި ޝާމިލްވެ މިކަން ކުރިއަށްދާ ގޮތް ބަލަން ޖެހޭނެ، އެކަމަކު އެމަންޒަރެއް ނުފެނޭ، ދެތިން މަހަށްވުރެ ގިނަ ދުވަސް ވަންދެން ބައެއް މަގު އެބަހުރި ނުވަދެވި ބަންދު ކުރެވިފައި، އަދި އެކި ހިސާބުތަކުގައި މަސައްކަތް ކުރާތަން މި ފެންނަނީ، މީގެ އެއްވެސް ޕްލޭނެއް އެނގޭނެ ގޮތެއް ނެތް" ޑްރައިވަރަކު ފާހަގަ ކުރިއެވެ.

ހިތަދޫގެ ދެބައި ކުޅަ އެއްބައި މަގު ބަންދު

މަގު ހެދުމުގެ މަޝްރޫއުގެ ބޮޑު ބައި މަސައްކަތް މިހާރު ކުރިއަށްދަނީ ހިތަދޫގައެވެ. ހިތަދޫގައި ދެ ކުންފުންޔަކުން އަންނަނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ އިންޑިއާގެ ދެ ކުންފުނިކަމަށްވާ އެފްކޯންސް އާއި ޖީކޭޑީއެވެ. މި ދެކުންފުންފުނިން ހިތަދޫގެ މަގު ހަދަމުން އަންނަ އިރު ބޮޑުބައި މަސައްކަތް ކުރަނީ އެފްކޯންސްއިންނެވެ. އެފްކޯންސްއިން އަންނަނީ ހިތަދޫ ސްކޫލުން ފެށިގެން ހިތަދޫ އާރުއޭފް މަގާއި ދެމެދުގައިވާ މަގުތައް ކޮނެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް މަގުތައް ކޮނެ މަގުގެ އަރިމަތީގައި ފެން ހިންދާ ކާނުގެ މަސައްކަތް ކުރަމުން އަންނަ އިރު އަނެއް ބައި މަގުތައް އަންނަނީ ލެވެލް ކުރުމަށް ފަސްގަނޑު ކަހަމުންނެވެ. އެގޮތުން މިހާރު ހިތަދޫގެ ދެބައިކުޅަ އެއްބައި މަގު ވަނީ އެކިގޮތްގޮތަށް މަސައްކަތް ކުރުމަށް ބަންދު ކުރެވިފައެވެ. ބަންދު ކުރެވިފައިވާ މަގުތައްް ބަންދުކުރެވިފައިވަނީ ކައުންސިލުން ހަދާފައިވާ ގަވާއިދާއި ހިލާފަށެވެ. މަގު ބަންދު ބޯޑު ބައެއް މަގުތަކުގައި ހުރި ނަމަވެސް ގިނަ މަގުތަކުގައި އެފަދަ ބޯޑު ނެތެވެ. ކޮނެފައިވާ މަގުތަކުގައިވެސް ދިއްލޭ ބޮކިން ފާހަގަކޮށްފައި ނުވެއެވެ.

އަދި އަމުދުން އެ މަގުތަކުން އެެއްގޮތަކަށްވެސް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ނުވެއެވެ. މިކަމަށް ކައުންސިލުން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.

މަގު ހެދުމުގެ މައުލޫމާތު ކައުންސިލާއި ހިއްސާ ކުރޭ

އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑު އިންފްރާސްޓަކްޗަރ އިން ކުރިއަށްގެންދާ މަޝްރޫއުއެވެ. އެހެންވެ އެމިނިސްޓްރީން ވަނީ އައްޑޫގައި ވަގުތީ އޮފީހެއް ހަދާފައެވެ.

މިނިސްޓްރީގެ ފަރާތުން އައްޑޫގައި ގާއިމުވެ ހުންނަވަނީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޑޫގެ ކުރީގެ މޭޔަރ އަބްދުﷲ ސޯދިގު ސޯބެއެވެ.

ސޯބެ ދާދިފަހުން އައްޑޫލައިވްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަގުގެ މަސައްކަތުގެ ޝެޑިއުލުން ދެ ހަފްތާ ކުރިން ކައުންސިލާއި، ފެނަކަ އަދި ކަމާއި ގުޅުންހުރި އިދާރާތަކާއި ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އަދި މަސައްކަތުގެ އަޕްޑޭޓު އަބަދުވެސް ކައުންސިލާއި ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މަގު ބަނދު ކުރުމާއި، ބަންދު ކުރެވޭ މަގުތަކުގެ ތަފްސީލު އާއްމު ކުރެވޭނެ ވަގުތު ކައުންސިލަށް ދެވޭ ކަމަށް ސޯބެ ވިދާޅުވިއެވެ. ނަމަވެސް އެކަން ނުކުރެވި ހުރުމުގެ ސަބަބުން ހިތާމަވެރި ކަންކަން ހިނގާފައި ހުރިކަން ސޯބެ ފާހަގަ ކުރިއެވެ.

އައްޑޫގެ މަގު ހެދުމުގެ ބޮޑު މަޝްރޫއު ކުރިއަށްދާއިރު އެމަޝްރޫއުގެ ކާމިޔާބު ކުރުމަށް އައްޑޫ ކައުންސިލު މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ކޮނެފައިވާ ކާނުތަކުގެ ތެރެއަށް ބައެއް އާއްމު ރައްޔިތުން ވެއްޓި ބޮޑެތި އަނިލާލިބެމުންދާ އިރު އަދިވެސް ކައުންސިލު އޮތީ ނިދާފައެވެ.

ކައުންސިލުން އޮތީ ޝަކުވާ ކުރުން

އައްޑޫ މަގު ހެދުމާއި ގުޅޭ މައްސަލާގައި ކައުންސިލުގައި އޮތީ ޒިއްމާ އަދާ ކުރުމުގެ ބަދަލުގައި އެކި ބަހަނާ ދެއްކުމެވެ. އެގޮތުން ކައުންސިލުން ހަދާފައިވާ ގަވާއިދުތަކާއި ކައުންސިލުން ގާނޫނުން މަތިކޮށްފައިވާ ޒިއްމާ ދޫކޮށްލައި އެކި މީހުންގެ ބޮލަށް މަގު ހެދުމުގެ މަސައްކަތުގެ ޒިއްމާ ކަނޑާލާ އަޑުއިވެއެވެ. ކައުންސިލުން ބުނާށ ގޮތުގައި މަގު ހެދުމުގެ މަޝްރޫއާއި ގުޅިގެން ކައުންސިލުން ކުރަން ޖެހޭ ކަމެއް ނެތެވެ. ހުރިހާ ކަމެއް ކުރަން ޖެހެނީ ހައުސިން މިނިސްޓްރީއިންނެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާއިން ކައުންސިލަށް މި ޒިއްމާ މަތި ކުރެއެވެ. އަދި ބަހަނާ ދައްކައި ރެކެވޭނެ ޖާގައެެއް ނެތެވެ. ފެންނަނީ ކައުންސިލަރުންގެ ގާބިލްކަން ނެތި ބަހަނާ ދައްކަމުން ދާ މަންޒަރެވެ.