Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ލިވާތު މައްސަލަ: ފުރި މީހުން ހޯދަނީ

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގު ފަށާފައި ވަނިކޮށް، ތުހުމަތުކުރެވޭ ބައެއް މީހުން ރާއްޖޭން ބޭރަށް ގޮސްފައިވާތީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އަންނަނީ އެއްޖިންސުން ގުޅުން ހިންގުމުގައި ވަކިވަކިން ޝާމިލުވި ދެ މީހަކާ ގުޅުން ހުރި މައްސަލަތަކެއް ތަހުގީގުކުރަމުންނެވެ. އޭގެ ތެރެއިން އެކަކީ 250 އެއްހާ ދިވެހިންނާ އެކީ ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އެވެ. އަނެއް މީހާ އަކީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރެވެ.

މި ދެ މީހުން ވެސް ތަހުގީގަށް ހައްޔަރުކޮށްފައިވާ އިރު، އަލަމްގީރާ އެކީ ގުޅުން ހިންގި ކަމުގެ ތުހުމަތަށް އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ވެސް ވަނީ ފޮނުވައިފަ އެވެ. އެ ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު ކާނަލް ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު އެވެ.

ލިވާތުގެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ އިރު، ރާއްޖޭން ފުރާފައިވާކަން ކަށަވަރުވެފައިވާ އެކަކީ އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝީރުގެ މަގާމުން ވަކިކުރި އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހީމް ރާއިފު (ރާއްޕެ) އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހުރީ ސްރީ ލަންކާގަ އެވެ.

ފުލުހުން ބުނި ގޮތުގައި ލިވާތު މައްސަލައިގެ ތަހުގީގު ފެށުމާ އެކީ އެކަމުގައި ތުހުމަތުތަކެއް ކުރެވޭ އިތުރު ބަޔަކު ވެސް ފުރައިގެން ގޮސްފައިވާކަން އެނގިފައިވާތީ އެ މީހުން ހޯދަން މަސައްކަތްކުރާނެ އެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތަކުގައި ޝާމިލުވާ 18 މީހެއްގެ ޕާސްޕޯޓް ވެސް ކުރިން ހިފަހައްޓައިފަ އެވެ.