ބަންގަލްދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައި ވަނީ 38 މީހަކު ކަމަށް ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
"އަވަސް" އަށް ދެއްވިި އިންޓަވިއުއެއްގައި ސީޕީ ވިދާޅުވީ ވީޑިއޯތަކުން ފެންނަން އެންމެން ހޯދައި އެ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ، ތަހުގީގު ނިމޭވަރަކުން ދައުވާކުރަން ފޮނުވަމުން ދާނެ ކަމަށެވެ.
ދައުވާކުރަން އެންމެ ފުރަތަމަ ޕީޖީ އޮފީހަށް ފޮނުވި ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު ކާނަލް ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު އެވެ.
އަލަމްގީރާ އެކީ 250 މީހަކު ގުޅުން ހިންގާފައިވާ ކަމަށް އަޑު ފެތުރިފައިވާތީ ސީޕީ ވިދާޅުވީ އޭގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ލިބުނު ވީޑިއޯތަކާއި ފޮޓޯތަކުން ފާހަގަވީ 38 މީހަކު ކަމަށެވެ. އަދި އޭގެ ތެރޭގައި ސަރުކާރުގެ އެއްވެސް ވަޒީރަކު ނުހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ ތެރޭގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުގައި ތިބި މީހުން ވެސް ހިމެނޭކަމެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އާއި ރައްޔިތުންގެ މަޖިލީހާއި އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަދި ޓީޗަރުންތަކެއް ވެސް ހިމެނެ އެވެ.
މީގެ ތެރެއިން ބައެއް މީހުންގެ ވީޑިއޯތައް އާންމުވެފައިވެ އެވެ.
އަލަމްގީރްގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ރާއްޖެ ޓީވީ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު ވެސް ހުރީ ހައްޔަރުކޮށްފަ އެވެ. އަދި ތަހުގީގު ކުރިއަށްދާތީ ތުހުމަތުކުރެވޭ 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. ނަމަވެސް ތުހުމަތުކުރެވޭ ބައެއް މީހުން ރާއްޖޭން ފުރާފައިވާތީ އެ މީހުން ހޯދަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެފަދަ އެންމެން ހައްޔަރުކޮށް އަދަބުދޭން ގޮވައިލަމުންނެވެ.