Last Updated: April 23, 13:19
Tuesday, April 23, 2024
ދުނިޔެ

ގޮޓަބަޔާ ތައިލޭންޑަށް ވަޑައިގަންނަވަނީ

މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން ސިންގަޕޫރްގައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ މިހާރު ތައިލޭންޑަށް ވަޑައިގަންވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ބުނީ ގޮޓަބަޔާ ތައިލޭންޑަށް ވަޑައިގަންނަވާ ގޮތަށް އޮތީ މާދަމާ ކަމަށާއި އެކަމުގެ ހުރިހާ އިންތިޒާމުތަކެއް އެ ގައުމުގެ ސަރުކާރު މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮޓަބަޔާ ތައިލޭންޑަށް ވަޑައިގަންނަވަނީ ސިޔާސީ ހިމާޔަތް ވެސް ހޯއްދެވުމާ އެކީގަ އެވެ.

މިކަމާ ބެހޭ ގޮތުން ތައިލޭންޑްގެ ސަރުކާރުން ބުނެފައި ވަނީ އޭނާ އަށް ސިޔާސީ ހިމާޔަތެއް ނުދޭ ކަމަށާއި ގޮޓަބަޔާގެ ޑިޕްލޮމެޓިކް ޕާސްޕޯޓްގައި އެ ގައުމަށް ވަޑައިގެން 90 ދުވަހުގެ ވިސާގައު ހުންނަވަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ

ގޮޓަބަޔާ، 73، ތައިލޭންޑަށް ވަޑައިގަންނަވަން މަސައްކަތް މި ކުރައްވަނީ އޭނާ އެނބުރި ގައުމަށް ވަޑައިގަތުން މި ވަގުތަށް ރަނގަޅު ނޫން ކަމަށް އާ ރައީސް ރަނިލް ވިކްރަމްސިންހަ ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް ލަންކާ ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ބުނެފައި ވަނީ ގޮޓަބަޔާ ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވަން ހަމަޖެހިފައި ވަނިކޮށް ފިއްލަވައިގެން އަސްކަރީ ޖެޓެއްގައި ހަމަ އެ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ރާއްޖެ ވަޑައިހަތުމަށް ފަހު އެވެ. އެގޮތުން މަގާމުން އިސްތިއުފާ ދެއްވީ ސިންގަޕޫރަށް ވަޑައިގެން ޖުލައި މަހުގެ 14 ގަ އެވެ. އޭނާ އަކީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑަކު ވެސް ދިޔަ އެވެ.

ގޮޓަބަޔާ މާދަމާ ތައިލޭންޑަށް ވަޑައިގަންނަވަނީ ސިންގަޕޫރުން އޭނަގެ ވިސާ ދިން ދިން އިތު އިތުރު 14 ދުވަސް ވެސް ހަމަވާތީ އެވެ.