Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

އަންހެން ޓީޓީ ޓީމް ސެމީ އަށް

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދީމާ ވާދަކުރަނީ -- ފޮޓޯ: އެމްއޯސީ

މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސްގެ ޓީމް އިވެންޓުގެ ސެމީފައިނަލަށް ރާއްޖޭގެ އަންހެން ޓީޓީ ޓީމް ދަތުރުކޮށްފި އެވެ.

އަންހެން ޓީޓީ ޓީމް ސެމީ އަށް ދަތުރުކުރީ ޔޫގެންޑާއާ ބައްދަލުކޮށް ސީދާ ތިން ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ގޭމު ރާއްޖެ އަށް ލިބުނީ އޮޓޯ އިންނެވެ. އެއީ ޓީމު އިވެންޓުގެ މެޗުގައި ޔޫގެންޑާ ޓީމުގައި ތިން ކުޅުންތެރިން ނެތުމުންނެވެ.

މެޗުގެ ދެވަނަ ގޭމް ރާއްޖޭގެ ދީމާ ސިންގަލްސް ބައިން ކުޅެން އަރާ ޔޫގެންޑާގެ ކުޅުންތެރިޔާ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ދީމާ ގެންދިޔައީ 02-11، 04-11 އަދި 02-11 އިންނެވެ.

މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ ދީމާ އަދި އައިޝަތު ރަފާ ނާޒިމް ވަނީ ޑަބަލްސްގައި ކުޅެން އަރާ ޔޫގެންޑާގެ ކުޅުންތެރިޔާ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މެޗުގެ ސެޓްތައް ރަފާ އަދި ދީމާ ގެންދިޔައީ 05-11، 06-11 އަދި 04-11 އިންނެވެ.