Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

މަތީ ދަރަޖަ ހޯދާ މީހުންގެ އިނާމަށް ހުޅުވާލަނީ

މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

ހާއްސަ އިނާމާ ބެހޭ ކޮމިޓީން ބުނި ގޮތުގައި މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުނު އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާޚިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށާއި، މި ދާއިރާގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި މަސައްކަތްކުރާ މުވައްޒަފުން ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ އަދި ކުރަމުންގެންދާ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް، ރައީސް ދެކެވަޑައިގަންނަވާތީ، އެ މަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން މި އަހަރުގެ އިނާމަށް އެ ދާއިރާ އިނާމު ވެސް ދޭން މި އަހަރު ގިންތިކޮށްފައިވާ ކަމަށެވެ.

މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ ޚާއްޞަ އިނާމުގެ ތެރޭގައި ހިމެނޭ އަނެއް ގިންތިތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ގިންތި އަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި އެވެ. މިއީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ މީހުންނާއި، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދައިފައިވާ ފަރާތްތަކަށް ހާއްސަ ގިންތިއެކެވެ.

މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުން ދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށް ވެސް އެ ގިންތިން އިނާމު ދޭ ގޮތަށް، މިދިޔަ އަހަރުން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްގެ ހާއްސަ އިނާމު އަހަރު ދެއްވާ ދެވަނަ ގިންތީގެ ތެރޭގައި ހިމެނެނީ، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ މީހުންނަށް އިނާމު ދެއްވުމުގެ ގިންތި އެވެ. އަދި ތިން ވަނަ ގިންތީގެ ތެރޭގައި، ރާއްޖެ އަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި ވެސް ހިމެނެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު މި އަހަރު ދެއްވާ ހަތަރު ވަނަ ގިންތި އަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީ އަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ މީހިންނަށް އިނާމު ދެ ގިންތި އެވެ.

އެ އިނާމު ދޭން ހަމަޖެހިފައި ވަނީ އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.