ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓް 2-0 އިން ބަލިކޮށް ޔޫއެފާ ސުޕަ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި އެވެ.
މިއީ ރެއާލް މެޑްރިޑުން ސުޕަ ކަޕް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޔުރޮޕާ ލީގުގެ ޗެމްޕިއަން ފްރެންކްފާޓްގެ މެދުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ފްރެންކްފާޓްގެ ޑައިޗީ ކަމާޑާ އަށް ލީޑު ނަގަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.
އެ ފުރުސަތުގެ ބޭނުން ފްރެންކްފާޓަށް ނުހިފުނު އިރު މެޗުގެ 37 ވަނަ މިނެޓްގައި ރެއާލުން ވަނީ ލީޑު ނަގާފަ އެވެ. އެގޮތުން ކަސެމެއިރޯ ބޮލުން ދިން ޕާހަކުން މުޅިން ހުހަށް ހުރެ ބޯޅަ ގޯލަށް ވައްދާލީ ރެއާލްގެ ޑިފެންޑަރު ޑޭވިޑް އަލާބާ އެވެ.
ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ރެއާލުން ކުޅުނުއިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. މިއީ ބެންޒެމާ ރެއާލްގައި ކާމިޔާބުކުރި 324 ވަނަ ގޯލު ކަމަށްވާއިރު އޭނާ އަކީ އެ ކްލަބުގެ ތާރީހުގައި ދެވަނަ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިއާ އެވެ. ރެއާލަށް އެންމެ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ 450 ގޯލެވެ.
ތަށްޓަކާއެކު ރެއާލުން ސީޒަން ފަށާފައިވާއިރު ސްޕެނިޝް ލީގު އަންނަ ހޮނިހިރު ދުވަހު ފަށާނެ އެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗުގައި ރެއާލް ނިކުންނާނީ އަލްމީރިއާއާ ދެކޮޅަށެވެ.