Last Updated: April 16, 20:04
Tuesday, April 16, 2024
ކުޅިވަރު

ވޯލްޑް ކަޕް ފެށުން އަވަސްކުރަނީ

މި އަހަރުގެ ނޮވެމްބަރު މަހު ފަށާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ފަށާ ތާރީހު އެއް ދުވަސް އަވަސްކުރާ ގޮތަށް ފީފާ އިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން އޮތް ގޮތުން ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފަށާ ގޮތަށް އޮތީ ނޮވެމްބަރު މަހުގެ 21 ގަ އެވެ. އެއީ ސެނެގާލާއި ނެދަލޭންޑްސް ބައްދަލުކުރާ ގޮތަށެވެ. ނަމަވެސް އޭގެ އެއް ދުވަސް ކުރިން މުބާރާތް ފަށަން ފީފާ އިން ނިންމީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ހަތަރު މުބާރާތުގައި ވެސް މުބާރާތް ހޯސްޓްކުރާ ގައުމު، މުބާރާތް ފަށައި ދީފައިވާތީ މި އަހަރު ވެސް އެގޮތަށް މުބާރާތް ފެށުމުގެ ގޮތުންނެވެ.

އެހެންވެ ނޮވެމްބަރު މަހުގެ 20 ގައި ވޯލްޑް ކަޕް ފަށާ މެޗްގައި ގަތަރާ އެކު ނުކުންނާނީ އިކްއެޑޯ އެވެ. މުބާރާތް ފަށާ ތާރީހު އެއް ދުވަސް އަވަސްކުރި ނަމަވެސް، މެޗްގެ ޝެޑިއުލް ކުރިން ވެސް ރާވާފައިވާ ގޮތަށް ބަދަލެއް ނާންނާނެ އެވެ. އަދި މިފަދަ ބަދަލެއް ގެންނަން ނިންމީ ގަތަރާއި އިކްއެޑޯއާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

އެކަމަކު މިކަން އަދި ރަސްމީކޮށް ފީފާ އިން އިއުލާނެއް ނުކުރެ އެވެ.

އެ ބަދަލާ އެކީ ވޯލްޑް ކަޕް ކުރިއަށް ދާނީ ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އަށެވެ.